އިނގިރޭސި ޕްރެމިއަރ ލީގުގައި ލިވަޕޫލް އާއި ޗެލްސީ ބައްދަލުކުރި މެޗުން ލިބުނު ތިން ޕޮއިންޓަކީ ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް މުހިއްމު ތިން ޕޮއިންޓްކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
ދޭއް ސުމަކުން ޗެލްސީ ބަލިކުރި މެޗަށްފަހު ވާހަކަދައްކަމުން ކްލޮޕް ބުނީ މި މެޗުގެ ބޮޑު ބައި ކޮންޓްރޯލްކޮށްގެން ކުޅުނީ ލިވަޕޫލް ކަމަށެވެ. މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ޖެހި މޮޅު ގޯލާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ، ސަލާހް ޖެހި ގޯލަކީ ތަފާތު މޮޅު ގޯލެއް ކަމަށާއި އޭނާ އެ ލަނޑު ޖެހީ ކިހާ ދުރަކުންކަން ބުނަންވެސް ނޭންގޭކަމަށެވެ.
ކްލޮޕް ވަނީ މި މެޗުގައި ލިވަޕޫލްގެ ކީޕަރ އެލިސަން ބެކަރގެ ފަރާތުން ފެނުނު ސޭވްތައް ފާހަނގަކޮށްފައެވެ. އަދި މެޗުގެ އަށްޑިހަ މިނެޓާއި ހަމައަށް ލިވަޕޫލް މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ކަމަށާއި، އޭގެ ފަހުން ޗެލްސީން އެޓީމުގެ ގޯލާއި ނުރައްކާކުރިކަމަށެވެ.
ޗެލްސީގެ އެޑެން ހަޒާޑް އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ އޭނާ ހުއްޓުވުމަކީ ވަރަށް އުދަނގޫ ކަމެއްކަމަށާއި، މި މެޗުގައި އޭނާ ހުއްޓުވަން ވަރަށް އުނދަގޫވިކަމަށެވެ.