ޚަބަރު

ކަސްޓަމްސް ދިރާގު އަދި އެޗްޑީސީ ދެވަނަ ބުރަށް


ކްލަބް މޯލްޑިވްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަދި ދިރާގުގެ އިތުރުން އެޗްޑީސީ ޖާގަ ހޯދައިފިއެވެ.

މި ތިން ޓީމު ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި އިއްޔެ ކުޅުނު ފަހު މެޗުތައް ކާމިޔާބުކޮށްގެންނެވެ.
އެގޮތުން އެޗްޑީސީ ވަނީ ސިވިލްގެ ކޯޓުގެ މައްޗަށް ހަ ލަނޑު ދެ ލަނޑުން ކުރި ހޯދާފައެވެ. މި މެޗުގައި އެޗްޑީސީގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ އަލީ މަލަޝް، އަބްދުﷲ ޝާފިއު އަދި މުހައްމަދު ސުޖަންއެވެ. ސިވިލް ކޯޓުގެ ލަނޑުތައް ޖަހައިދިނީ ހުސައިން ޝަމީމް އަދި މުހައްމަދު ސިނާހެވެ.

މުބާރާތުގައި އިއްޔެ ހަވީރު ޔުނައިޓެޑް ބީއެމްއެލްއިން ވަނީ ފެން ކްލަބް ކޮޅަށް ތިން ލަނޑު ޖަހާފައެވެ. މިތިން ލަނޑު ބީއެއެމްއެލްއަށް ޖަހައިދިނީ އިޝާން އިބްރާހިމް އަދި އަލީ ހާފިޒްގެ އިތުރުން މުހައްމަދު ނާސިދް އަހުމަދެވެ.

މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ދިރާގު ކަށަވަރުކުރީ ރޭ ޕީއެސްއެމް އާއި ދެކޮޅަށް ކުޅުނު މެޗު ހަތަރެއް ސުމަކުން ކާމިޔާބުކޮށެވެ. ދިރާގުގެ ލަނޑުތައް މި މެޗުގައި އެޓީމަށް ޖަހައިދިނީ، މުހައްމަދު ރިފާއު، ޔޫހް ނަސީރު އަދި އިބްރާހިމް އަތީގް ހަސަނެވެ.

މީގެ އިތުރުން މުބާރާތުގެ ދެވަނަ ބުރުން މިހާރުވެސް ޖާގައެއް ކަށަވަރުކޮށްފައިވާ ޕޮލިސް ކްލަބް ވަނީ ރޭ ހަ ލަނޑު ތިން ލަނޑުން ވެމްކޯ ބަލިކޮށްފައެވެ. އަދި ދިވެހި ސިފައިންގެ ކްލަބުން ވަނީ ހަތަރު ލަނޑު އެއް ލަނޑުން އެމްޓީސީސީވެސް ބަލިކޮށްފައެވެ.

މުބާރާތުގެ ދެވަނަ ބުރަށް ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ދަތުރުކުރީ ރޭ ކުޅުނު ފަހު މެޗުގައި ތައުލީމީ ގުޅުން ހައެއް ސުމަކުން ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ކަސްޓަމްސްގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ހަސަން އިމްރާން އަދި ހަސަން ނޫރިޝްއެވެ.
މި މުބާރާތުގައި މިއަދުވެސް ހަ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.