ވިޔަފާރި

ޓެކްސްގެ ނިޒާމް މުރާޖަޢާކޮށް ނިމުމުން ހެޔޮބަދަލުތައް އަންނާނެ - ފިނޭންސް މިނިސްޓަރު


ދިވެހިރާއްޖޭގައި މިހާރުއޮތް ޓެކްސްގެ ނިޒާމް މުރާޖަޢާ ކުރަމުންދާކަމަށާއި ޓެކްސްގެ ނިޒާމް ބަދަލުކޮށް ނިމުމުން ހެޔޮބަދަލުތައް އަންނާނޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީހުން ކުރިއަށްގެންދާ "މޯލްޑިވްސް ފިނޭންސް ފޯރަމް" ގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށް ހަމަހަމަކަމައިއެކު ފުރުސަތުތައް ފަހިކޮށްދިނުންކަމަށެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިހާރު އޮތް ޓެކްސްގެ ނިޒާމަށް ހެޔޮ ބަދަލުތައް ގެނައުމަށް ޓެކްސްގެ ނިޒާމް މުރާޖަޢާކޮށް ވިޔަފާރިވެރިންނަށް ހަމަހަމަ ކަމާއިއެކު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. ސަރުކާރުގެ ސިޔާސަތެއްކަމަށްވާ ޒީރޯ ޓޯލަރެންސް ޓު ކޮރަޕްޝަންގެ ދަށުން ދައުލަތުގެ މާލީ ނިޒާމުގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ކޮރަޕްޝަން ނައްތާލުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުވެގެންދާނެ. އަޅުގަނޑުމެން މިހާރު މިދަނީ ރާއްޖޭގައި މިހާރު ހުރި ޓެކްސް ނިޒާމުތައް މުރާޖަޢާކުރަމުން. އުއްމީދަކީ ހުރިހާ ވިޔަފާރިވެރިންނަށް ވެސް ހަމަހަމަ ނިޒާމެއްގެ ދަށުން ޓެކްސް ދެއްކޭނެ ގޮތް ހެދުން." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޓެކްސްގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާއިރު ރާއްޖެއަށް އިންކަމް ޓެކްސްގެ ނިޒާމު ތަޢާރަފްކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މަހަކު 60 ހާހާއި 100 ހާސް ރުފިޔާ ލިބޭ ފަރުދުންގެ އަތުން 3.5 އިންސައްތައިގެ އިންކަމް ޓެކްސްއެއް ނެގުމަށާއި މަހަކު 100 ހާހާއި 150 ހާސް ރުފިޔާ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ 6.5 އިންސައްތަ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ބަޔާންކޮށްފައިވެއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައިވެއެވެ. މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުން ތަޢާރަފްކޮށްފައިވާ އެސްއެމްއީ ބޭންކުގެ އެހީގައި ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރެވިގެންދާނެކަމަށެވެ.