ސްރީ ލަންކާގައި ދިން ބޮމުގެ ޙަމަލާތަކާ ގުޅިގެން ގެތަކާއި މީހުން ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ލަންކާގައި އުޅޭ ދިވެހިން އެކަމަށް އެއްބާރުލުން ދިނުމަށް އެޤައުމުގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފިއެވެ.
ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވީ ސްރީލަންކާގެ ސަލާމަތީ ބާރުތަކުން މިހާރު ބައެއް ގެދޮރާއި މީހުން ބަލާފާސްކުރަމުން ގެންދާކަމަށެވެ. އަދި މީހުން ދިރިއުޅޭ ގެތައް ބަލަމުންދަނީ ދިވެހިންނަށް އަމާޒުކޮށްގެން ނޫންކަމަށާއި އެހެންކަމުން ދިވެހިން ދިރިއުޅޭ ގެޔަކަށް ފުލުހުން އައިސްފިނަމަ ހުރިހާ ދިވެހިންވެސް އެމީހުންނަށް އެއްބާރުލުން ދިނުމަށް އެމްބަސީން އިލްތިމާސްކުރެއެވެ. އެގޮތުން، ޕާސްޕޯޓްފަދަ ކާކުކަން އަންގައިދޭ ލިޔުމެއް ފަސޭހައިން ނެގޭނެ ހިސާބެއްގައި ބޭއްވުމަށް އެންބަސީން އެދެއެވެ.
ސްރީ ލަންކާގައި ދިން ބޮމުގެ ޙަމަލާތަކާ ގުޅިގެން އެޤައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު މިރޭ ބާރައިން ފެށިގެން ކުއްލި ޙާލަތު އިޢުލާންކުރުމަށް ވަނީ ނިންމާފައެވެ. އަދި މިރޭ އަށަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށްވެސް ވަނީ ނިންމާފައެވެ.