ޚަބަރު

ތިނަދޫ އައު އިންޖީނުގޭގެ މަސައްކަތް އަލުން ފަށަނީ


ގދ. ތިނަދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް ވުމަށްފަހު އަލުން އެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ. ތިނަދޫގައި އައު އިންޖީނުގެއެއް އެޅުމަށް ސަރުކާރުން ނިންމާފައިވަނީ 2016 ވަނަ އަހަރުއެވެ.

މީގެ ތިން އަހަރު ކުރިން، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ހުރި ހުރިހާ ޖަނެރޭޓަރުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިގެން ގޮސްފައެވެ. އެހާދިސާގެ ސަބަބުން ތިނަދޫއިން ކަރަންޓު ކެނޑި ހަތަރު ދުވަހާއި، ތިން ރޭ ވަންދެން އެރަށު ރައްޔިތުން ތިބީ ކަރަންޓު ނުލިބި، ކަނު އަނދިރީގައެވެ.

ތިނަދޫގައި އޭރު ބޭނުންކުރަމުން އައި އިންޖީނުގޭގައި ރޯވި އަލިފާނުގެ ސަބަބުން އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވުމާއި، ތިނަދޫ ރައްޔިތުންނަށް އެ ހާދިސާގެ ސަބަބުން ކުރިމަތިވި ދަތިތަކާއި، ހިތްދަތިކަމާ ގުޅިގެން އޭރުގެ ސަރުކާރުން އެރަށުގައި އައު އިންޖީނުގެއެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެފަހުން ތިން އަހަރު ވޭތުވެގެންދިޔަ އިރު، އައު އިންޖީނުގެ އެޅުމަށްޓަކައި ކުރެވުނު ހަމަ އެކަނި މަސައްކަތަކަށް ފެންނަން ހުރީ ދަގަނޑު ހޮޅިތަކެއް ޖަހާފައި ހުރި ތަން އެކަންޏެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު، އަޙްމަދު ސަޢީދު ވިދާޅުވީ، އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން ދަނީ ތިނަދޫ އިންޖީނުގޭގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލެވޭތޯކަމަށެވެ. އެގޮތުން އެ ރަށުގެ އިންޖީނުގޭގެ ސްޓްރަކްޗަރއަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުމަށްފަހު އެތަނަށް ބޭނުންވާ ތަކެތި ހޯދުމަށް މިހާރު ބިޑަށް ލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ވީހާ އަވަހަކަށް މަސައްކަތް ނިންމާލެވޭތޯ. އެގޮތުން އެ އިންޖީނުގޭގެ ސްޓްރަކްޗަރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހުގަ އަޅުގަނޑަށް އެނގިފަވާ ގޮތުން ބިޑިން ޕްރޮސެސްއެއްގަ ވަނީ އެކަމަށް ބޭނުންވާ މެޓީރިއަލްސްތައް ހޯދުމަށް،" ސައީދު ވިދާޅުވިއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ކަރަންޓު ފޯރުކޮށްދޭން ފެށި ފަހުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދަނީ ދިމާވަމުންނެވެ. އެކަމާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ، ކަރަންޓް ކަނޑައިގެންދިއުމުގެ މައްސަލައަކީ ފެނަކައިން ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ ރަށްރަށަކަށްވެސް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.

"ތިނަދޫގަ އެކަންޏެއް ނޫން އިނގޭތޯ. މުޅި ރާއްޖޭގަވެސް އަޅުގަނޑުމެން ހިންގާ ހުރިހާ ތަނެއްގަ ތި މައްސަލަ ވަރަށް ބޮޑު. ޚާއްސަކޮށް މި ދުވަސްވަރު. އޭގެ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލަމުން މިދަނީ. އެންމެ ބޮޑު ގޮންޖެހުމަކީ އިންޖީނުތައް ސަރވިސް ނުކޮށް، އޯވަހޯލް ނުކޮށް ހުރީމަ އޭގެން ކަރަންޓު އުފައްދާ މިންވަރު ކުޑަވީ. އޯވަހޯލް ކުރަން ބަލާއިރު އެރަށެއްގަ ދެވަނަ އެއްވެސް ގޮތެއް ނެތް އެކަން ކުރަން. ދެވަނަ ކަމަކީ ލޯކަލް، އިންޓަނޭޝަނަލް ސަޕްލަޔަރުންނާއި ކުންފުންޏާ ދޭތެރޭގަ އޮތް އިތުބާރު ގެއްލިފަ އޮތުމުގެ ސަބަބުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުން މިދަނީ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި، ފެނަކައިން މިހާރު ދަނީ އެފަދަ ގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތް ކުރަމުންނެވެ. އަދި ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ދެމެހެއްޓެނެވި ގޮތުގައި ޚިދުމަތް ދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިނަދޫގެ އައު އިންޖީނުގޭގެ މަސައްކަތް އަލުން ފެށުމަށް ނިންމާފައި ވާއިރު، މިހާރުވެސް ދޭތެރެ ދޭތެރެއިން އެރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދަނީ ދިމާވަމުންނެވެ. އެގޮތަށް ކަރަންޓު ކެނޑެމުންދާއިރު، އޭގެ ސަބަބުން ބައެއް ގޭބިސީތަކުގައި ގެންގުޅޭ އަގު ބޮޑެތި ކަރަންޓު ސާމާނު ހަލާކުވުން ފަދަ މައްސަލަތައްވެސް ދަނީ ކުރިމަތިވަމުންނެވެ. އައު އިންޖީނުގޭގެ މަސައްކަތް ނިންމައި އެތަނުން ޚިދުމަތްދޭން ފެށުމުން މިހާރު ތިނަދުއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެކަމަށް ފެނަކައިން ވަނީ ބުނެފައެވެ.