ޚަބަރު

ދިވެހި ބަހަކީ ޝައުޤުވެރި ހިތްފަސޭހަ ބަހަކަށް ހަދަން ޖެހިފައި-


ދިވެހިބަހަކީ މިހާރަށްވުރެ ޒަމާނީ ޓެކްނޮލޮޖީއާ ރައްޓެހި، އަދި ކުޑަކުދިންނާ ޒުވާނުންވެސް ޝައުޤުވެރިވާފަދަ ހިތްފަސޭހަ ބަހަކަށް ހެދުމަށް ދިވެހިބަހުގެ އާނިޒާމެއް އެކަށައަޅަންޖެހިފައިވާކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވެއްޖެއެވެ.ބަހަށް ނުފޫޒުފޯރުވާ ޙިއްޞާދާރުންގެ އެކިޖަމާޢަތް ޖަމާޢަތްތަކުގެ މެދުގައި ފެށި ސެމިނާރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މިއަދު ފެށުނު މިސެމިނާރަކީވެސް ދިވެހިބަހުގެ އާނިޒާމަކަށް ވާޞިލްވުމަށްކުރެވޭ މަސައްކަތުގެ ދަށުން ދިވެހި ބަހުގެ ކުރިމަގު ރޭވުމަށްޓަކާ ޚިޔާލުހޯދާ ބަހުގެ ކަންކަން ރަނގަޅުކުރުމުގެ  ފިކުރުތައް އެއްކުރުމުގެ ގޮތުން ކުރިޔަށްގެންދެވޭ ސެމިނާރެއްކަމަށެވެ.އަޝްރަފް ވިދާޅުވީ މިފަދަ ސެމިނާރުތަކެއް ސިލްސިލާކޮށް ކުރިޔަށްގެންދިއުމަށްފަހު ސެމިނާރުތަކުން ލިބޭ ޚިޔާލުތަކާ، ފިކުރުތަކުގެ މައްޗަށް ބަންޓަންކޮށް ލިބޭ ޢިލްމީ އާވިސްނުންތަކަށް ބިނާކޮށް މުސްތަޤްބަލުގައި ޤައުމީ ފެންވަރުގެ މަހާސިންތާއެއް ބޭއްވުމަށް ރޭވިފައިވާކަމަށެވެ.ދިވެހިބަހުގެ އެކަޑަމީއާ  ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން ކުރިޔަށްގެންދާ މިސެމިނަރގައި  އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އަމަލުކުރަންފެށި އާ މަންހަޖާއެކުވެސް ދިވެހިބަހަށް ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.ސެމިނާރ ފެސުމުގެ ރަސްމިއްޔާތުގައި ދިވެހިބަހުގެ ޤަވާޢިދު ކޮމެޓީގެ ރައީސް އައްބާސް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހަށް ޒަމާނާއެކު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަސްމީގޮތުން ފާހަގަކުރެވޭ ދިވެހިބަހުގެ ދުވަހުގެ މުނާޞަބާގައި ބޭއްވި މި ސެމިނާރުގައި ބަހުގެ އިލްމުވެރިންނާއި ބައެއް ސްކޫލްތަކުގައި ދިވެހިބަސް ކިޔަވައިދޭ ޓީޗަރުންނާއި އަދި ބަހާގުޅުންހުރި ބައެއް އިދާރާތަކުގެ ބޭފުޅުން ބައިވެރިވެއެވެ.