ޚަބަރު

ހިތްވަރު އެބަހުރި، މަގާމުން ވަކިނުވާނަން - ވަލްވާޑޭ


ބާސެލޯނާގެ ކޯޗުކަމުން އޭނާ ވަކިނުވާނެ ކަމަށް އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ތިން ލަނޑުގެ ލީޑެއް ލިބިފައިވަނިކޮށް ފަހަތުން އަރައި ލިވަޕޫލް ބާސެލޯނާ ކަޓުވާލި މެޗަށް ފަހު އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ސަޕޯޓަރުން ގޮވާލާފައިވާތީ އެވެ.

ނަމަވެސް ކޯޗު ބުނީ ޗެމްޕިއަންސް ލީގު ނުލިބުން އެންމެވެސް ދެރަވި ކަމަށާއި އޭނާ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"އެކަމަކު އަހަރެންގެ ހިތްވަރު އެބަހުރި ކުރިއަށްދާން. އަހަރެން ރައީސްއާ ވާހަކަ ދެއްކިން. އޭނާ އާއި ކުލަބުގެ ސަޕޯޓް އަހަންނަށް އެބައޮތް. އަހަރުމެން ބަލިވީ އަހަރުމެންނަށް ލިބިފައި އޮތް ލީޑާމެދު އަހަރުމެން ފަރުވާކުޑަކޮށްލުމުން. ލިވަޕޫލަކީ މޮޅުޓީމެއް. މިކަމުގައި އެންމެންގެ ވެސް ޒިންމާއެއް އޮންނާނެ،" ކުޅުންތެރިން ގޯސްކުރާފަދަ ރާގެއްގައި ވަލްވާޑޭ ބުންޏެވެ.

ބާސެލޯނާގެ ސަޕޯޓަރުން ވަނީ އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފަ އެވެ. ނަމަވެސް ބާސެލޯނާގެ ރައީސް ވަނީ ތެޅިގެންފައި އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ. އަދި ކޯޗާއި ކުޅުންތެރިންގެ ކުރިމަގާމެދު ގޮތެއް ނިންމާނީ ކުރިއަށް އޮތް ކޮޕާ ޑެލްރޭ މުބާރާތުގެ ފައިނަލަށް ފަހު ކަމަށެވެ.

ވަލްވާޑޭގެ ކޯޗުކަމުގައި މިދިޔަ ދެ ސީޒަނުގެ ޗެމްޕިއަންސް ލީގު ގެއްލުނު ނަމަވެސް ބާސެލޯނާ ވަނީ ސްޕެނިޝް ލީގު ދެ ސީޒަނުގައި ވެސް ކާމިޔާބުކޮށްފަ އެވެ. އަދި ޑޮޕާ ޑެލްރޭ ފައިނަލާ ކުރިމަތިލަނީ މިދިޔަ ސީޒަނުގައި ހޯދި ތަށި ދިފާއު ކުރުމަށެވެ.