ކުޅިވަރު

ރެއާލް މެޑްރިޑުން ކީޕަރު ނަވާސް ވިއްކާލަން ނިންމައިފި


އަންނަ ސީޒަނުގައި ރެއާލް މެޑްރިޑުގައި ކީޕަރު ކޭލާ ނަވާސް ނުބަހައްޓަން ނިންމައިފި އެވެ.

އޭނާގެ ބަދަލުގައި ކޯޗު ޒައިނުއްދީން ޒިދާން އެއްވަނަ ކީޕަރުކަން ދޭން ނިންމާފައިވަނީ ބެލްޖިއަމްގެ ގައުމީ ކީޕަރު ތިބައޫ ކޯޓުއާ އަށެވެ. އޭނާ އަކީ މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރެވެ. އެތްލެޓިކޯ މެޑްރިޑުގެ ކުރީގެ ކީޕަރު ޗެލްސީގައި ހުއްޓައި ރެއާލް އަށް ގެންދިޔައީ ވެސް ވޯލްޑް ކަޕުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ނަމަވެސް ނަވާސް އާއި ކޯޓުއާ ދެމީހުން މެޗުގައް ބަހާލައިގެން ކުޅެން ޖެހުމުން އެއްވެސް ކީޕަރަކަށް މި ސީޒަނުގައި ވަނީ އަސްލު ކުޅުން ދެއްކޭގޮތް ނުވެފަ އެވެ.

ނަވާސް އަކީ ރެއާލް މެޑްރިޑުން ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގައި ފުލްކޮށް ކުޅުނު ކީޕަރެވެ. ނަމަވެސް އޭނާ ދޫކޮށްލަން ކޯޗު ޒިދާން ނިންމީ އެއްފެންވަރެއްގެ ދެ ކީޕަރުން ތިބެފައި ނަވާސްގެ އުމުރުވެސް މަތިވަމުންދާތީވެ އެވެ.
މީގެ އިތުރުން ވެސް ރެއާލްއިން ދަނީ ބައެއް ކުޅުންތެރިން ދޫކޮށްލަން ނިންމާފަ އެވެ. އޭގެ ތެރޭގައި ގެރެތް ބޭލް އާއި ލޫކާ މޮޑްރިޗް ވެސް ހިމެނެ އެވެ. މީގެ ތެރެއިން ބޭލް އަށް މިހާރު ކުޅުމުގެ ފުރުސަތު ވެސް އެއްގޮތަކަށް ވެސް ނުދެ އެވެ.

ކޯޗު ޒިދާން ބުނީ މިހާރު އޭނާ ޓީމަށް ގެންނަ ބަދަލުތަކަކީ ކުރިމަގު ބިނާކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށާއި މިބަދަލުތަކުގެ ފެންނަމުންދާ މަންޒަރު އެންމެނަށް ވެސް ސާފުވާނެ ކަމަށެވެ. އޭނާ މާނަކޮށްފައިވަނީ މިހާރު ކުޅުމުގެ ފުރުސަތު ގިނައިން ނުލިބޭ ކުޅުންތެރިން ޓީމު ދޫކޮށްދާން ޖެހޭނެ ވާހަކަ އެވެ.