ޚަބަރު

ރައީސް އަރިހަށް‏ ޑެންމާކް ސަފީރު ވަދާޢީ ‏‏‏ޒިޔާރަތް ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް،‏ ޑެންމާކް ‏‏ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ފްރެޑީ ސްވޭން މިއަދު ވަދާޢީ ‏‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ‏‏ޑެންމާކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި ސަފީރުގެ ‏‏މަގާމުގައި ހުންނަވައިގެން، ރާއްޖެއާއި ‏‏ޑެންމާކާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރައްވައި ފުޅާކުރެއްވުމަށް، ‏މިސްޓަރ ފްރެޑީ ސްވޭން‏ ‏‏ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.‏މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޑެންމާކާ ދެމެދު އޮތް ގުޅުމާއި، މިގުޅުން ‏‏އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި. މީގެއިތުރުން، މޫސުމަށް ‏‏އަންނަ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯއްދެވުމަށާއި، މިކަން ބައިނަލްއަޤްވާމީ ސަމާލުކަމަށް ‏‏ގެންނެވުމަށް، ދިވެހިރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ޑެންމާކް ސަރުކާރުން ‏‏ފާހަގަކުރައްވާކަމަށް ޑެންމާކުގެ ސަފީރު ވިދާޅުވިއެވެ. އަދި މިކަންކަމުގައި ދެޤައުމުގެ ދެމެދުގައި ‏‏އިތުރަށް ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ސަފީރު ވާހަކަފުޅު ‏‏ދެއްކެވިއެވެ.‏ޑެންމާކު ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އެޤައުމުން ރާއްޖެއަށް ‏‏ކަނޑައެޅުއްވި ‏‏ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ‏‏ވަރަށްބޮޑު ‏‏އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ޑެންމާކުގެ ސަރުކާރުން ‏‏އަބަދުވެސް ‏‏ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، ‏މިނިސްޓަރ އޮފް ‏‏ފޮރިން އެފެއާޒުގެ ނާއިބު އަލްފާޟިލާ ފާޠިމަތު ޢިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.