ޚަބަރު

ގްރީންއިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި


މިހާރު ކުރިޔަށްދާ ރަމަޟާން ވެޓްރެންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗު ކްލަބް ގްރީން ސްޓްރީޓްސް ކާމިޔާބުކޮށްފިއެވެ.

ގްރީން ސްޓްރީޓުން މި މެޗު ކާމިޔާބުކުރީ ކްލަބް އީގަލްސް އާއި ވާދަކޮށް ދެ ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކްލަބް ގްރީން ސްޓްރީޓުންނެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން ސިކުންތުކޮޅަކަށްވެފައި ވަނިކޮށް އެޓީމަށް ޖަހައިދިނީ މުހައްމަދު ޒެނިތްއެވެ. މި މެޗެ ދެވަނަ ހާފުގައި އީގަލްސްއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލަނޑެއް ޖެހުމަށް ވަރަށް މަސައްކަތްކޮށްފައިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ސާޅީސް އަށްވަނަ މިނެޓުގައި އަހުމަދު ރިޔާޒް ވަނީ ލަނޑެއް ޖަހާ އީގަލްސްއަށް މެޗު ނަތީޖާ ހަމަހަމަކޮށްދީފައިއެވެ. ރިޔާޒް މި ލަނޑު ޖެހީ ގްރީންގެ ކީޕަރ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އީގަލްސް އިން ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިތާ ދެ މިނެޓު ފަހުން ގްރީން ސްޓްރީޓުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައިއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އިބްރާހިމް ނާޒިމްއެވެ.

މި މެޗުގެ ސާޅީސް ފަސް އަހަރުން މަތީގެ މޮޅު ކުޅުންތެރިންޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓުގެ އަހުމަދު ނާޝިދުއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓުގެ މުހައްމަދު ޒެނިތްއެވެ. މި މުބާރާތުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޭދަފުށި ވެޓްރަންސް ފުޓްބޯޅަ ކްލަބް ބައްދަލުކުރާއިރު މުބާރާތުގައި މިހާތަނަށް މި ދެޓީމު ކުޅުނު ތިން މެޗުވެސް ވަނީ ކާމިޔާބުކޮށްފައިއެވެ.