އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯރޓުގެ ރަންވޭ ދިގު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ކޮމްޕެނީ އިން ބުނެފިއެވެ.ގަން އެއަރޕޯރޓް ހިންގާ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓު ކޮމްޕެނީ (އޭއައިއޭ) މާލޭ އޮފީހުގެ މެނޭޖަރ އަހުމަދު ހިޝާމް ވިދާޅުވީ ރަންވޭ ދިގު ކުރަން މިހާރު އޮތް ރަންވޭގެ ދެކޮޅުން ބޮޑު ސަރަހައްދެއް ހިއްކައި މިހާރު ޝީޓުޕައިލްކޮށް ނިންމާފައިވާ ކަމަށާއި އެބިން ހިއްކާފައި ވަނީ ދުބާއީގެ ގަލްފް ކޮބްލާއިން ކަމަށެވެ. އަދި އަލަށް ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ކޮބްލާ ޓެންސަރ މޯލްޑިވްސްގެ ފަރާތުން ހިއްކި ސަރަހައްދުގައި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ޑެންމާކުގެ ހޯގާޑުން ކުރިއަށް ގެންދާއިރު ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމައި ލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ފަހުން މިހާރު އޮތް ރަންވޭ އިންޓަނޭޝަނަލް ފްލައިޓް ޖެއްސޭފެންވަރަށް ތަރައްޤީވެ އެތަނުގެ ބޭނުން ކުރެވޭނެ ކަމަށްވެސް ހިޝާމް ވިދާޅުވިއެވެ.