ރާއްޖޭގެ ރަށްރަށަށް ފޯރުކޮށްދޭ ކަރރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި 153 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. ފެނަކައިން މިކަން ހާމަކޮށްފައި މިވަނީ ފެނަކައިން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ މަޝްރޫޢުތަކެއް ފަށާފައިވަކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުގެ މިހާރުގެ މެނޭޖްމަންޓުން ކުންފުނި ހިންގަން މިދިޔަ ޑިސެމްބަރު މަހު ޙަވާލުވިފަހުން މިހާތަނަށް ރަށްރަށަށް އައު ޖަނެރޭޓަރު ފޮނުވުމަށްޓަކައި 153 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އަޙްމަދު ސަޢީދު ވިދާޅުވިއެވެ. އަދި ފެނަކައިން ޚިދުމަތް ދެމުންގެންދާ 48 ރަށަކަށް މިހާތަނަށް އިންޖީނުތައް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށުގެ ކަރަންޓު ވިއުގަ ރަނގަޅުކުރުމަށް ބޭނުންވާ ޕެނަލް ބޯޑުތައް ސިންކުކުރުމަށް މަސައްކަތްކުރަމުންގެންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެނަކައިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު 13 ރަށެއްގައި އިންޖީނުގެ އެޅުމަށް އިޢުލާންކޮށް އިވެލުއޭޓް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންގެންދާކަމަށް ފެނަކައިން ބުނެއެވެ. މިމަސައްކަތް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ނިންމުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނައިރު މި 3 އަހަތު ތެރޭގައި 56 ރަށުގެ އިންޖީނުތައް އަޕްގްރޭޑުކޮށް އިންޖީނުގެތައް ރީލޮކޭޓުކުރުމުގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށްވެސް ފެނަކައިން ބުނެއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ވިދާޅުވީ ރަށްރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުންދާއިރު އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ފާހަގަކުރެވެނީ 6 މަސްވެގެންދާއިރު އިންޖީނު މަރާމާތު ކުރުމަށް އެންމެ ފަހަރަކުވެސް ނިވާނުލެވޭ ޙާލަތުގައި ބައެއް ރަށްރަށުގެ އިންޖީނުތައް ހުރި ކަންކަމަށެވެ.
ފެނަކައިން އަންނަނީ ރާއްޖޭގެ 56 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްދެމުންނެވެ. އޭގެ ތެރެއިން 42 ރަށެއްގައި ފެނަކައިން އަންނަނީ ފެނުގެ ޚިދުމަތް ދެމުންނެވެ.
ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް އޮތުމަކީ އެކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވާފައެވެ. އަދި އެކަން މިހާރުގެ މެނޭޖުމެންޓުން ބަދަލުކުރުމަށް މަސައްކަތްކުރަމުންގެންދާކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.