ކުޅިވަރު

ފުވައްމުލައް ސިޓީގެ ކުޅިވަރާ ގުޅުންހުރި ތަންތަނުގެ ހާލަތު މިނިސްޓަރު މަހުލޫފް ބައްލަވާލައްވައިފި


ފުވައްމުލައް ސިޓީގެ ޒުވާނުންގެ މަރުކަޒާއި ފުޓްބޯޅަ ދަނޑުތަކުގެ ހާލަތުހުރިގޮތް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ބައްލަވާލައްވައިފިއެވެ.

ޒުވާނުންގެ މަރުކަޒާއި ފުޓްބޯޅަ ދަނޑުތަކާއި ކޯޓްޓަކުގެ ހާލަތުހުރި ގޮތް މިނިސްޓަރު ބައްލަވާލެއްވީ އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން އެރަށުގެ ކުޅިވަރާ ގުޅުންހުރި ހުރިހާ ތަނެއް ބައްލަވާލެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އަބްދުﷲ ޝަރީފާ އެކުގައެވެ.

މިނިސްޓަރ އަހުމަދު މަހުލޫފް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއއްވަމުން ވިދާޅުވީ ފުވައްމުލަކުގެ ޒުވާނުންގެ މަރުކަޒު ހުރި ހާލަތު ފެނިފައި ހައިރާންވެ ދެރަވެއްޖެ ކަމަށެވެ. އަދި އޭގެ އިތުރުން މަހުލޫފް ވިދާޅުވީ އެތަނުގައި އެއްވެސް މަސައްކަތެއްވެސް އަދި ދިރުމެއްވެސްނެތް ކަމަށެވެ. އަދި އެތަން ސިފަކުރެއްވީ ގުދަނެއްގެ ގޮތުގައެވެ. ފުވައްމުލަކަށް ސިޓީގެ ދަރަޖަ ދެވިފައިވާއިރު ޒުވާނުންނާއި ކުޅިވަރާއި ގުޅުންހުރި އެއްވެސްކަމެއްނެތް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ޒުވާނުންގެ މަރުކަޒުތައްހުރީ މަރުވެފައި ކަމަށެވެ.

މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ޔޫތް މިނިސްޓްރީން ބަޖެޓް ދީގެން ފުވައްމުލައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ޒުވާނުންގެ މަރުކަޒު ޒަމާނީ ފެންވަރަށް ހަދައި ދެއްވާނެ ކަމަށެވެ. އަދި ފުޓްބޯޅަ ކުޅޭނެ ރަނގަޅު ފެންވަރެއްގެ ދަނޑުތައް ފުވައްމުލަކުގައި މިއަހަރު ނިމުމުގެ ކުރިން ގާއިމު ކުރެވިގެންދާނެ ކަމަށެވެ.