ޚަބަރު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކޮށްފި


ދިވެހި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހަތަރު ދާއިރާއަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.މިއެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ، ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕާކިސްތާނަށް މިހާރުކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި  ތެރެއިން މިއަދު އިސްލާމް އާބާދުގައި ހުންނަ ޕްރައިމް މިނިސްޓަރުގެ އޮފީހުގައެވެ.ދިވެހި ރާއްޖެއާ ޕާކިސްތާނާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ތަކުގެ ތެރޭގައި ހިމެނެނީ   ސިއްޙީ ދާއިރާއާއި، ތައުލީމީ ދާއިރާއާ ކުޅިވަރުގެ ދާއިރާއާ ޤަވާއިދާ ޚިލާފަށް ނާކޮޓިކްސްގެ ވިޔަފާރި ކުރުން ހުއްޓުވުމާބެހޭ އެއްބަސްވުމެވެ.އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު  ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި، ރައީސުލް ހުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވަނީ މީޑިއާއަށް ގުޅިފައިވާ ސްޓޭޓްމެންޓެއް ދެއްވާފައެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން ރާއްޖެއާއި، ޕާކިސްތާނާދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ސޮއިކުރެވުނު ދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެކަމުގައި  ޕާކިސްތާކުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ މެދުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ، ދެގައުމުގެ އިސްލާމީ އެކުވެރި ގުޅުން ބަދަހިވުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމުގައި ވިދާޅުވިއެވެ.ރައީސް ޔާމީންގެ ވާހަކަފުޅުގައި، ސުނާމީ ކާރިސާއާ ގުޅިގެން ޕާކިސްތާނުން ރާއްޖެއަށް ވެދެއްވި އެހީތައް ފާހަގަކުރައްވައި ޕާކިސްތާނުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބާ ފާހަގަކުރަމުންދާއިރު، ފަސޭހަފުޅު ވަގުތެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެވަޑައިގެންނެވުމަށް ދަޢުވަތު އެރުވިއެވެ.މިއެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރީން ރައީސް ޔާމީނާއި، ބޮޑުވަޒީރު ނަވާޒް ޝަރީފްވަނީ، ބައްދަލުކުރައްވައި ދެގައުމުގެ ގުޅުމާބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.