ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި ވަރުގަދަ ކްލަބަކާއި ދެކޮޅަށް ކުޅެން ޖެހުމަކީ ޓީމަށް ލިބެނޭ އެޑްވާންޓޭޖެއް ކަމަށް މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނެފިއެވެ.
ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ސެކުލޮސްކީ ބުނީ، ވަރުގަދަ ސްކޮޑަކާއެކު އޮތް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ނިކުންނަން ޖެހުނު ނަމަވެސް ޖެހިލުން ނުވާކަމަށާއި، ނަމަވެސް މި މެޗު ކާމިޔާބުކުރަން އުނދަގޫވާނެކަމަށެވެ. ސެކުލޮސްކީ ބުނީ މާޒިޔާ އޮތީ މި ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި، ލީގުގެ ފުރަތަމަ މެޗުގައި ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށް އުއްމީދުކުރާކަމަށް. އަދި މާޒިޔާގެ ޓާގެޓަކީ މެޗަކަށް ފަހު މެޗެއް ކާމިޔާބުކުރުންކަމަށްވެސް ކޯޗު ސެކުލޮސްކީ ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ މެޗު އުނދަގޫވާނެ. ގްރީން ސްޓްރީޓްސްއަކީ ވަރުގަދަ ޓީމެއް. މާޒިޔާ ނުކުންނާނީ މާޒިޔާގެ ގޭމު ކުޅެ މެޗުން މޮޅުވާން. އުއްމީދު ކުރަން ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދައްކާނެކަމަށް". ސެކުލޮސްކީ ބުންޏެވެ.
މާޒިޔާއިން ވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސައުދި އަރަބިއްޔާގައި 15 ދުވަހުގެ ޓްރެއިނިންގ ކޭމްޕެއް ކުރިޔަށްގެންސްފައެވެ. އަދި މި ޓްރެއިނިންގ ކޭންޕުގައި ސައުދީގެ ޖިއްދާ ކްލަބާއި އަޒުއްރީ އެފްސީ އާއި ދެކޮޅަށް ކުޅުނު ދެ މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ.
ޓްރެއިނިންގ ކޭމްޕާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ސެކުލޮސްކީ ބުނީ، މި ޓްރެއިނިންގ ކޭމްޕަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ވަރަށް ފުރިހަމަ ކޭމްޕެއްކަމަށެވެ. އަދި ކޭމްޕަށް ފަހު ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ފޯމުގައި ކަމަށްވެސް ސެކުލޮސްކީ ބުންޏެވެ.
"ސައުދީއަށްކުރި ޓްރެއިނިންގ ކޭމްޕަކީ ވަރަށް ފުރިހަމަ ކޭމްޕެއް ހުރިހާ ގޮތަކުން ބެލި ނަމަވެސް. ވަރަށް ރަނގަޅު ފެސިލިޓީޒް ލިބެން ހުރި. މި ފުރުސަތު ހޯދައިދިން ފަރާތްތަކަށް ޝުކުރު އަދާކުރަން". ސެކުލޮސްކީ ބުންޏެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅޭ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އެޓީމަށް ގެންގޮސްފައެވެ. އަދި އެޓީމުގެ ގޯލު ބެލެހެއްޓުމަށް އަފްގާނިސްތާނުގެ ޤައުމީ ޓީމުގެ ގޯލު ކީޕަރ އޮވޭސް އަޒީޒީވެސް މާޒިޔާއަށް ގެނެސްފައެވެ. ކީޕަރ އޮވޭސް އަޒީޒީއާއި ގުޅޭގޮތުން ކޯޗު ސެކުލޮސްކީ ބުނީ ސައުދީއަށް ކުރި ޓްރެއިނިންގ ކޭމްޕްގައި ކުޅުނު ދެ މެޗުގައި ކީޕަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާއި ދެކޮޅަށެވެ. މިއީ ގްރީން ސްޓްރީޓްސްވެސް ލީގުގައި ކުޅޭ ފުރަތަމަ މެޗެވެ.