ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އެފްއޭއެމްއަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ އިރު، އޭގެ ތެރެއިން ބައެއް ކަންކަން އެފްއޭއެމްއިން ހައްލުކޮށްފައިވާ ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން ބުނެފި އެވެ.
މިދިޔަ ސީޒަންގައި ކުޅުނު ބޯޅަތަކުން ސީޒަންގެ ފުރަތަމަ މެޗުތައް ކުޅެން ޖެހުމުން އެކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށް ސުޒެއިން ފާހަގަކޮށްފައިވާއިރު، އެފްއޭއެމްގެ އިހުލާސްތެރިކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.
ލީގުގައި މިރޭ ކްލަބް އީގަލްސް އާއި ގްރީން ސްޓްރީޓްސް ވާދަކުރާ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސުޒެއިން ބުނީ އޭނާ ފާހަގަކުރި ކަންކަން އެފްއޭއެމްއިން މިހާރު ރަނގަޅު ކޮށްފައިވާ ކަމަށެވެ. އެގޮތުން ލީގުގައި ކުޅޭ މެޗަށް ފަހު ދަނޑުގައި ދޭ ޕްރެސް ކޮންފަރެންސްގައި ބޭނުންކުރާ ބެކް ޑްރޮޕް މިހާރު ވަނީ އާކޮށްފަ އެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން އެނާ ދެއްކި ވާހަކަ އެއީ ކުޅިވަރުގެ މީޑިއާ ފާހަގަ ކުރަން ޖެހޭ ކަންތައްތައްކަމަށާއި ފާހަގަކުރީ އެއްވެސް މީހަކަށް އޭގެން އުނދަގުލެއް ނޫނީ ހިތްހަމަ ޖެހުމެއް ގެންނާކަށް ނޫންކަމަށެވެ. އެގޮތުން މިހާރުވެސް އެފްއޭއެމްއިން ވަރަށް ގިނަ ކަންތައް ރަނގަޅު ކޮށްފިކަމަށް ސުޒެއިން ބުންޏެވެ.
އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސުޒޭން ބުނީ ނަތީޖާ ނޫން އެހެން ކަންކަން ދިޔައީ ރަނގަޅަށް ކަމަށާއި، މާޒިޔާގެ ތައްޔާރީތައް ރަނގަޅުވުމުގެ ފައިދާ އެޓީމަށް ލިބުނު ކަމަށެވެ. ސުޒެއިން ބުނީ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއާއި ދެކޮޅަށް ކުޅެން ޖެހުމަކީ އެޓީމަށް ލިބުނު ޑިސްއެޑްވާންޓޭޖެއް ކަމަށެވެ. އަދި މި މެޗުގެ ނަތީޖާ ނޫން އެހެން ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށް ކަމަށް ސުޒެއިން ބުންޏެވެ. ކުރިޔަށް ހުރި މެޗުތަކުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަނގަކޮށް އެކަންކަން ތަކުރާރުވިޔަ ނުދިނަމަށް މަސައްކަތްކުރާނެކަމަށް ތަޖުރިބާކާރު ކޯޗު ސުޒެއިން ބުންޏެވެ.
"އަސްލު ފުރަތަމަ މެޗުގައި މާޒިޔާއާއި ދެކޮޅަށް އަޅުގަނޑުމެން ކުޅެން ޖެހުމަކީ ލިބުނު ޑިސްއެޑްވާންޓޭޖެއް. އެހެންނަމަވެސް އެ މެޗުގެ ނަތިޖާ ނޫން ހުރިހާކަމަވެސް ދިިޔައީ ރަނގަޅަށް. އެބަހުރި ރަނގަޅުކުރަން ޖެހޭ ކަންތައްތައްވެސް. އެކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރާނެން ކުރިޔަށް އޮތްތާގައި". ސުޒެއިން ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވީ ތިނެއް އެކެއްގެ ނަތީޖާއަކުން ނެވެ. ލީގުގައި ގްރީން ސްޓްރީޓްސް ކުޅޭ ދެވަނަ މެޗުގައި މިރޭ ނުވައެއް ޖަހާއިރު ނުކުންނާނީ ކްލަބް އީގަލްސް އާއި ދެކޮޅަށެވެ.