ދިވެހި ޕްރިމިއަރ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.
މިއަދު ހަވީރު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ދަ ގްރާންޑޭއިން ކާމިޔާބުކުރީ ލީގުގެ ފުލުގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ހަތަރެއް ސުމެއްގެ ނަތީޖާއަކުން ނެވެ. މިއަދުގެ މޮޅާއެކު ނުވަ ޕޮއިންޓް ހޯދައި ދަ ގްރާންޑޭ އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ.
ވިކްޓްރީ ކޮޅަށް ދަ ގްރާންޑޭގެ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ޖެހީ އަހުމަދު ނިޒާމްއެވެ. ގްރާންޑޭގެ ދެ ވަނަ ގޯލު މެޗްގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮބައިދާ އެވެ. އެޓީމުގެ އަހުމަދު އިމާޒް (އާއްކޮ) ތިރިތިރިން ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އޮބައިދާ ގޯލުގެ ތެރެއަށް ފޮނުވާލީ ހަމަޖެހިލާފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ދަ ގްރާންޑޭއިން ނިންމާލީ ދެ ލަނޑުގެ ލީޑެއްގަ އެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ގްރާންޑޭ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ވަނީ ލިބިފަ އެވެ. އެޓީމުގެ އޮބައިދާ އަށް މެޗްގެ 50 ވަނަ މިނެޓުގައި ލިބުނު ފުރުސަތުގެ ބޭނުންހިފައި މެޗުގެ ތިން ވަނަ ގޯލު ވަނީ ޖަހާ ލީޑް ފުޅާ ކުރިއެވެ. އޭރިޔާ ތެރެއަށް ނަގައިދިން ހުރަސް އޮބައިދާ ބޮލުން ޖެހުމުން ގޯލަށް ވަނީ ކީޕަރު ހުސްނީ ބޯމަތިން ގޮހެވެ.
މި މެޗުގައި ދަ ގްރާންޑޭގެ ހަތަރުވަނަ ލަނޑަކީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހުސެން ޝިހުބާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މެޗަށްފަހު ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ޓީމުގެ ކުޅުމާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި ޑިފެންސުން ފެނުނީ ވަރަށް އާދައިގެ ގޯސްތަކެއް ކަމަށެވެ. ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅަށްފަހު ދަ ގްރާންޑޭގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ ބޭނުންވި މޮޅު ލިބުމުން ހިތްހަމަ ޖެހުނު ކަމަށާއި މެޗުގެ އޮއެވަރާއެކު ޓީމުގެ ކުޅުން ކުޑަކޮށް ލަސްވެގެން ދިޔަކަމަށެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް އެވެ.