ކުޅިވަރު

ބައްސާމް އާއި ޗެލެންޖް ކުރެވޭނެ އެއްވެސް ހައިސިއްޔަތެއް ނެތް - ސުޒެއިން


އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޗެލެންޖް ކުރެވޭނެ އެއްވެސް ހައިސިއްޔަތެއް އޭނާގެ ކިބައިގައި ނެތްކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކްލަބް އީގަލްސް އަތުން އެންމެ ފަހު ވަގުތު ޕޮއިންޓް ހޯދި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސުޒެއިން ބުނީ، ދަނޑުގައި ހުރި ބެކްޑްރޮޕް ބަދަލުކޮށް އޭގެ ފޮޓޯއާއެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރި ޓްވީޓަށް އޭނާ ރައްދުދޭން ނުޖެހޭނެކަމަށާއި، ބާއްސާމް އާއި ޗެލެންޖް ކުރެވޭނެ އެއްވެސް ފެންވަރެއް އަދި ހައިސިއްޔަތެއްވެސް އޭނާގެ ކިބައިގައި ނެތްކަމަށެވެ.

އަދި އެގޮތަށް ޓްވީޓްކުރަން ބައްސާމަށް ހައްގުކަމަށްވެސް ކޯޗު ސުޒެއިން ބުންޏެވެ. ސުޒެއިން ބުނީ އޭނާ ގަބޫލްކުރާ ގޮތުގައި ގޯސްކޮށް ހުރި ކަންތައްތަކަށް ބަދަލުގެނައީ އެކަންތައްތައް ގޯސްކޮށް ހުރީމަކަމަށެވެ. އަދި މިކަން ރަގަޅުކުރީތީ އެކަން ކުރި ބަޔަކަށް ސެލިއުޓް ނަގާކަމަށްވެސް ސުޒެއިން ބުންޏެވެ.

"އެފްއޭއެމްގެ ރައީސް އެގޮތަށް ޓްވީޓް ކުރުމުން އަޅުގަނޑު ނުޖެހޭ އެޔަށް ރައްދު ދޭކަށް. އެފްއޭގެ ރައީސްއަށް އެގޮތަށް ޓްވީޓް ކުރެވޭނެ. ދެން އަޅުގަނޑު އެއަށް ރައްދުދިނީމަ އަޅުގަނޑުހާ ދަށް މީހަކު ނުހުންނާނުންތޯ. ދެން މިކަންތައްތައް ރަނގަޅުކުރި ބަޔަކަށް ސެލިއުޓް ނަގަން. ގޯސްކޮށް ހުރިމަ ދެއްތޯ ރަނގަޅުކުރާނީ" ސުޒެއިން ބުންޏެވެ.

ސުޒޭން ވަނީ ސީޔާސީ ހަބަރު ގެނެސްދޭ ގޮތަށް ކުޅިވަރު ހަބަރު ނުގެނެސްދިނުމަށް ކުޅިވަރު ނޫސްވެރިންގެ ކިބައިން އެދިފަ އެވެ. އަދި މިގޮތަށް ހަބަރު ގެނެސްދޭނަމަށް ކުޅިވަރަށް ގެއްލުން ވާނެކަމަށް އޭނާ ބުންޏެވެ. ލީގުގައި މާޒިޔާއާއި ވާދަކުރި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދެއްކުނީ އެންމެ ރަނގަޅަށް ނޫންކަމަށާއި، އެކަމާއި މެދު ބަޔަކު ހިތްހަމަ ނުޖެހިފައި ވާނަމަ އެކަމަށް އިޙްތިރާމާއިއެކު މައާފަށް އެދޭކަމަށްވެސް އޭނާ ބުންޏެވެ