އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީއަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކާއި އަޅާބަލާއިރު ދިވެހިން ފަޚްރުވެރިވާންޖެހޭ ފަދަ ކުރިއެރުމެއްކަމަށް ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްވަމުން ވަޒީރު ވިދާޅުވީ، މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ޖެނީވާގައި ކުރިއަށް ދިޔަ ޔުނިވާސަލް ޕީރިއަޑިކް ރިވިއު ނުވަތަ ޔޫޕީއާރުގައި ކުރެވުނު މަޝްވަރާތަކަކީ، ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތުގެ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތް ބޭރު ގައުމުތަކުން ބަލައިގަތް މިންވަރު އެނގިގެން ދިޔަކަމަށެވެ.އެމަޝްވަރާ ތަކަކީ ރާއްޖެއަކީ ޅަފަތުގައި އޮތް ޑިމޮކްރަސީއަކަށްވެފައި، ވަސީލަތްތައް މަދު ކުޑަގައުމަކަށްވީ ނަމަވެސް، މަދު ދުވަސްކޮޅޭއްގެ ތެރޭގައި އިންސާނީ ހައްގުތަކުގެ ތެރެއިން މިހާ ގިނަ ކާމިޔާބީތައް ލިބުމަކީ ސަރުކާރަށާއި، ރައްޔިތުންނަށް ހައްގު ތައުރީފެއްކަމަށް ދުންޔާ ވިދާޅުވިއެވެ. އެގޮތުން އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރާއްޖޭގައި ބޭރުގެ ނުފޫޒް ފޯރުވަން އުޅުނު ނަމަވެސް އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފް އެއްވެސް ކަމަކަށް ސަރުކާރުން ފުރުސަތުނުދޭނެކަމަށް ދުނިޔޭގެ ގައުމުތަކަށް ބުނެދެވުންކަމަށް ވަޒީރު ވިދާޅުވިއެވެ.ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވުން ފޮރިންގ ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ، އިންސާނީ ހައްގުތަކާއި ގުޅޭ ގިނަ ގަނޫނުތަކެއް މިހާތަނަށް ފާސްވެފައި ވުމަކީ އެދާއިރާއިން ރާއްޖެ އަޅާފައިވާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ރާއްޖޭގައި 2003 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް 150 ވުރެ ގިނަ ގާނޫނު ފާސްވެފައިވާއިރު، އޭގެތެރޭގައި އިންސާނި ހައްގުތަކަށް ސީދާ އަމާޒުކޮށް، 39 ގާނޫނެއް ފާސްކޮށްފައިވާކަމަށެވެ. މީގެ އިތުރުން އޭގެ ތެރެއިން 18 ގާނޫނަކީ ވޭތުވެދިޔަ ސަތާރަ މަސްދުވަހު ފާސްކުރި ގާނުނުތައްކަންވެސް އަލީ ނަސީރު ފާހަގަކުރެއްވިއެވެ. އަދި އިންސާނީ ހައްގުތަކުގެ ދާއިރާއާއި ގުޅުންހުރި، ހިންގުމުގެ ދާއިރާ ރަނގަޅުކުރުމަށް 49 ގާނޫނެއް މިހާތަނަށް ފާސްވެފައި އެބައޮތްކަމަށާއި ވުމާއެކު ރާއްޖޭގައި ފާސްވެފައިވާ ޤާނޫނުތަކުގެ ތެރެއިން 59 އިންސައްތައަކީ އިންސާނީ ހައްގުތަކާއި ގުޅުން ހުރި ގާނޫނުތައްކަމަށް އަލީ ނަސީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ރިކޯޑަކީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ފަޚްރުވެރިވާންޖެހޭ ފަދަ ކުރިއެރުމެއްކަމަށްވެސް ޑރ. އަލީ ނަސީރު ފާހަގަކުރެއްވިއެވެ.އަލީ ނަސީރު ވިދާޅުވީ، ޔޫޕީއާރު ސްޓޭޓްމަންޓްގެތެރެއިން ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމުތަކުން ރާއްޖޭގެ ސިޔާސަތައް ތައުރީފްކުރިކަމަށެވެ.