ޚަބަރު

ހުޅުމާލެ 2ވަނަ ފިޔަވަހީގެ މަގުތައް ހެދުމަށް ތައްޔާރުވަނީ


ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެންމެ ފުރަތަމަ ހަދާ މަގުތައް ހެދުމަށް ބޭރުގެ ކުންފުނިތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ކޮމާރޝިއަލް މަސައްކަތްތައް ފެށުމަށް ހަދަން ޖެހޭ ސާދަ ނުވަތަ ފަނަރަ ކިލޯމީޓަރުގެ މަގު ހެދުމަށް ބޭރުގެ ބައެއް ކުންފުނިތަކާއެކު މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ. އަދި ބޭރުގެ ކުންފުނި ތަކާއެކު މަޝްވަރާ ކުރަމުންދަނީ، އެހާ ބޮޑު މަގުތަކެއް ހެދުމަށް ފައިސާ ހޯދާ، މަގުތަކާއެކު ފެނާއި ނަރުދަމާ އަދި ކަރަންޓްގެ މަސައްކަތް އަވަހަށް ނިންމާލެވޭނީ ބޭރުގެ ކުންފުންޏަކަށްކަމަށް ބަލާފައި ކަމަށެވެ. އެހެންނަމަވެސް މަޝްވަރާކުރާ ކުންފުނި ތަކުގެ ތަފްސީލެއް ސައިމަން ނުދެއްވައެވެ.ޖުލައި ފަހުކޮޅު މަގުގެ މަސައްކަތް ފެށޭވަރުވާނެ ކަމަށާއި، އެކު އެކީގައި ފެނާ ނަރުދަމާ އަދި ކަރަންޓްގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް ގާތްގަނޑަކަށް 240 ހެކްޓަރުގެ ބިން ހިއްކުމަށްފަހު މިހާރު ކުރިއަށްދަނީ ފަސްގަނޑު ހިމާޔަތް ކުރުމަށް ހިލަ ޖެހުމުގެ މަސައްކަތެވެ.ކުރޫޒް ޓާރމިނަލް ހެދުމަށް ހިއްކާ ސަރަހައްދު ހިއްކުމުގެ މަސައްކަތްވެސް މީގެ ދެ ހަފްތާ ކުރިންވަނީ ފަށާފައެވެ.