ތަޢުލީމު

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ސެޕްޓެމްބަރުގައި ފަށަނީ


މިއަހަރުގެ ސެޕްޓެމްބަރު މަހު ތިންވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ.ސެޕްޓެމްބަރު މަހުގެ އެކަކުން ދޭކަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް ކުރިއަށްގެންދިއުމަށް ޔުނިވަރސިޓީ އޮފް ސައިންސް މެލޭޝިޔާ އާއެކު ދަނީ މަޝްވަރާތައްކުރަމުންނެވެ.އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މިއަަހަރު ބާއްވާ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ކުރިއަށްދާ ކަންކަމުގެ ތެރޭގައިރިސާރޗް ކަރުދާސް ހުށަހެޅުމުގެ ފުރުސަތާއި، އާއީޖާދުތަކާއި ޚިޔާލުތައް ހުށަހެޅުމުގެ ފުރުސަތުގެ އިތުރުން އިންކްލޫސިވް އެޑިޔުކޭޝަންއަށް ޚާއްސަކޮށްގެން ޕްރޮގްރާމް ކުރިއަށްގެންދެވޭނެގޮތްތަކާއި ގުޅޭ ކަންކަން ހިމެނޭނެކަމަށެވެ.މީގެ އިތުރުންމި ކޮންފަރެންސްގައި އައިސީޓީ އިންޓެގްރޭޓްކޮށްގެން ކިޔަވައިދިނުން އަދި އުނގެނުމާއި ގުޅޭގޮތުން ވީޑިއޯ ތައްޔާރުކުރާ ފަރާތްތަކަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.އައިސީޓީ ބޭނުންކޮށް ކިޔަވައިދިނުމާއި ގުޅޭގޮތުން ތައްޔާރުކުރާ ވީޑިއޯ، އޮގަސްޓްމަހުގެ ވިހި ވަނަ ދުވަހުގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.މިއަހަރުގެ ޓީޗަރސް ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޭޝިޔާގެ ގިނަ ޤައުމުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކޮންފަރެންސްގައި ދަރިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އެއިންސްޓިޓިއުޓް އިން މަޢުލޫމާތުދެއެވެ.