ޚަބަރު

އުސޫލުތައް ބަދަލުކޮށްގެންނަމަވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ރައްޔިތުންނަށް ދޭންޖެހޭ - ނާއިބު ރައީސް


ހެދިފައިހުރި އުސޫލުތަކުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ނުދެވި ދަތިތައް ކުރިމަތިވާނަމަ އުސޫލުތައް މުރާޖާކޮށްގެންނަމަވެސް ރައްޔިތުންނަށް ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ގޮވާލައްވާއިފިއެވެ.

ރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް ވާސިލުނުވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާ އެކަމުގެ ރަސްމީ ލިޔުން ރާއްޖެއަށް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ނާއިބު ރައިސް ފައިސަލް ނަސީމު ވިދާޅުވީ އުސޫލުތަކަކީ އިތުރަށް ރަނގަޅުކުރަން ޖެހޭ ޙާލަތްތަކުގައި ބަދަލުކޮށް އިތުރަށް ހަރުދަނާ ކުރަންޖެހޭ އެޗެއްކަމަށެވެ. ނާއިބް ރައީސް ވިދާޅުވީ ބައެއް ރަށްރަށުގައި ޚިދުމަތްދޭ އުސޫލުތައް ހެދިފައިހުރިގޮތުން ބަައެއް ޚިދުމަތްތައް ހޯދާ ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުންދާކަން ފާޙަގަކުރެވޭކަމަށެވެ.

މިފަދަ ކަންކަމަށް ޢިޝާރާތްކުރައްވާ ނާއިބު ރައީސްވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ހުރަސްއަޅާ އުސޫލުތައް އަލުން މުރާޖާކޮށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ތިއްބެވި ބޭފުޅުންނާއި ޕޮލިސީ ލެވެލްގެ މީހުންނަށް ގޮވާލައްވާފައެވެ.

ނާއިބުރައިސް ވިދާޅުވީ ރާއްޖޭގައި ދެވޭ ސިއްޙީ ޚިދުމަތަކީ ހަމައެކަނި ދިވެހިންނަށް ދޭ ޚިދުމަތެއްކަމަށް ބަލައިގެން ނުވާނެކަމަށެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް ލިބޭފަދަ ޚިދުމަތަކަށް ހަދަންޖެހޭކަމަށާއި އެގޮތަށް އެކަން ކުރާއިރު ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އުސޫލުތައް ހަރުދަނާކުރަންޖެހޭނެކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

ނާއިބުރައީސް ވަނީ ސިއްޙީ ދާއިރާއާމެދު ކަންބޮޑުވުންތަކެއް ހުރިނަމަވެސް ރާއްޖެއިން ގިނަ ކުރިއެރުންތަކެއް މިދާއިރާއިން ޙާސިލުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ޙާސިލުވެފައިވާ ލަނޑުދަނޑިތައް އެގޮތުގައި ދެމެހެއްޓުމަށް އިތުރު ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީއާއި ސިފިލިސް ވާސިލުނުވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅާފައިވާއިރު ރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި މިލަނޑުދަނޑިއަށް ވާސިލުވި 2 ވަނަ ޤައުމެވެ. އަދި މުޅި ދުނިޔެއިން މިކަނ ކަށަވަރުކުރި 12 ވަނަ ޤައުމެވެ.