ކުޅިވަރު

އައިއޯއައިޖީއަށް ޤައުމީ ފުޓްބޯޅަ ޓީމު މޮރިޝަސްއަށް ފުރައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ޤައުމީ ފުޓްބޯޅަ ޓީމު މޮރިޝަސްއަށް ފުރައިފި އެވެ.

މިމަހު 16 އިން 27ގެ ނިޔަލަށް މޮރިޝަސްގައި އޮންނަ އައިއޯއައިޖީއަށް މިފަހަރު ނެގި ޓީމުގައި ޒުވާން ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ. އެގޮތުން އެންމެ ފަހުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނޭ ހަތް ކުޅުންތެރިއަކު މިފަހަރު ނެގި ޓީމުގައި ހިމެނިފައެއް ނުވެ އެވެ.

ދިހަ ވަނަ އިންޑިއަން އޯޝަން އޯޝަން އައިލެންޑް ގޭމްސްއަށް ފުރުމުގެ ކުރިން ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނީ، ޤައުމީ ޓީމުގެ ސްކޮޑަށް މިފަހަރު ނެގި ޒުވާން ކުޅުންތެރިންގެ ހުނަރު އައިއޯއައިޖީގައި ފެންނާނެ ކަމަށް އުއްމީދުކުރާކަމަށާއި، މި ފަހަރަކީ ޒުވާން ކުޅުންތެރިން ކުރިއަރުވަން ލިބުނު ފުރުސަތެއްކަމަށެވެ. އައިއޯއައިޖީއަށް ތައްޔާރުވާން ލިބުނު ވަގުތާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗު ބުނީ، ސާފް ސުޒުކީ ކަޕަށް ޤައުމީ ޓީމް ތައްޔާރުވާން ހަ ހަފްތާ ލިބުނު ކަމަށާއި، ނަމަވެސް އައިއޯއައިޖީއަށް ތައްޔާރުވާން ލިބުނީ އެންމެ ހަތަރު ދުވަސް ކަމަށެވެ.

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފުޓްބޯޅައިގައި ރާއްޖެ ހިމެނުނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނޭ ޤައުމުތަކަކީ ރީޔޫނިއަން، މަޔޯޓެ އަދި ކޮމޮރޯސް އެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު މެންދުރު ރާއްޖެ ގަޑިން 13:00 ގައި ކުޅޭނީ ރީޔޫނިއަންއާ އެވެ. އަދި ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ކޮމޮރޯސްއާ ކުޅޭނީ ރާއްޖެ ގަޑިން ހަވީރު 16:15 ގަ އެވެ. ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 22 ވަނަ ދުވަހު މަޔޯޓްއާ ބައްދަލުކުރާ މެޗު ވެސް އޮންނާނީ ރާއްޖެ ގަޑިން 16:15 ގަ އެވެ.