ޕީވީއާރު ސިނަމާ އާއި ގުޅިގެން އިންޑިއާއަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ވީޑިއޯ ކެމްޕޭނެއް ފަށާފައިވާ ކަމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕީއާރު ކޯރޕަރޭޝަން އިން ހާމަކޮށްފިއެވެ.މޯލްޑިވްސް މަރކެޓިންގ އެންޑް ޕީއާރު ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އިން މައުލޫމާތުދޭގޮތުގައި ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކެމްޕެއިންގައި ޕީވީއާރުސީއިން އިންޑިއާގެ އެކި ހިސާބްތަކުގައި ހިންގާ ސިނަމާތަކުގައި ރާއްޖޭގެ ވީޑިއޯތައް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.އަދި މިއީ ސަމަރ ހޮލިޑޭ ސީސަން ފަށާ ދުވަސް ވަރު ކަމަށްވުމުން މި ކެމްޕެއިން އަމާޒްކޮށްފައިވަނީ ޗުއްޓީ ހޭދަކުރުމަށް ގައުމުން ބޭރަށް ދާ މީހުންނަށް ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.އަދި ދާދި ފަހުން ރިލީޒްކޮށްފައިވާ ބުލޮކް ބަސްޓަރ ދެ ފިލްމް ކަމުގައިވާ ' ޕީކޫ' އަދި ބޮމްބޭ ވެލްވެޓް' ގެ ޝޯތައް ޕީވީއާރުގެ ސިނަމާތަކުގައި ދައްކާ އިރު ރާއްޖޭގެ އިސްތިހާރުތައް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %3.8 ހިއްސާކުރަނީ އިންޑިއާގެ ފަތުރުވެރިންނެވެ. މިދިޔަ އަހަރު ނިމުނުއިރު އިންޑިއާއިން ރާއްޖެއަށް 45587 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއީ 2013ވަނަ އަހަރާއި އަޅާބަލާއިރު %19.9 އިތުރު އަދަދެކެވެ.