ތަޢުލީމު

ދެ ސްކޫލެއްގައި އާ ކްލާސް ރޫމުތަކެއް ހަދަނީ


މ. ދިއްގަރު ސްކޫލާއި ގއ މާމެންދޫ ސްކޫލްގެ އިމާރާތުގައި އާ ކުލާސް ރޫމް ހެދުމަށް އެލް.އެފް. ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި މިރަސްމިޔާތުގައި އެމިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއުއެވެ. އެލް. އެފް. ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަބުދުލްލަތީފްއެވެ.މި އެއްބަސްވުމުގެ ދަށުން ދިއްގަރު ސްކޫލުގައި ފަސް ކުލާސްރޫމާއި ހޯލެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މިއީ ދެބުރީގެ އިމާރާތެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީންމައުލޫމާތުދެއެވެ. މި މަސައްކަތް ދިހަމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.ގއ މާމެންދޫ ސްކޫލްގައި ހެދުމަށް ހަމަޖެހިފައި ވަނީ ހަތަރު ކުލާސްރޫމާއި ހޯލެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމަތުދެއްވައެވެ. މިސްކޫލްގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.ދިއްގަރު ސްކޫލުގައި ކުލާސްރޫމާއި ހޯލްގެ މަސައްކަތައް އަށް މިލިޔަނަށް ވުރެން ގިނަރުފިޔާ ހަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މާމެންދޫ ސްކޫލްގެ އިމާރާތަށް ގާތްގަޑަކަށް ދެމިލިޔަނަށް ވުރެން ގިނަރުފިޔާ ހަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ދިއްގަރު ސްކޫލުގައި މިހާރު ހުންނަނީ ބާރަ ކުލާސްރޫމެވެ.މި ސްކޫލުގައި ސަތޭކަ ހަތްދިހަ ހަތް ދަރިވަރުން  ތައުލީމް ހާސިލްކުރަމުންގެންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.ގއ މާމެންދޫ ސްކޫލުގައި މިހާރު ހުންނަނީ ނުވަ ކުލާސްރޫމެވެ. މި ސްކޫލްގައި ދުއިސައްތަ ނުވަދިހަ ހަތަރު ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދެއެވެ.