ޚަބަރު

ޕަމްޕް ނެތުމުން ރިންގް ރޯޑުގައި އަޅާފައިހުރި ޑީވޯޓަރިންގ ހޮޅިތަކުގެ ބޭނުމެއް ނުކުރެވޭ


މާލޭ ރިންގް ރޯޑުގައި އަޅާފައިހުރި ޑީވޯޓަރިން ހޮޅިތަކުގެ ބޭނުން ނުކުރެވެނީ އެ ހޮޅިތަކަށް ގުޅަންޖެހޭ ޕަމްޕްތައް ޤާއިމުކޮށްފައި ނެތުމުންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ ރިންގް ރޯޑުގެ ބައެއް ދިމަދިމާލުގައި ޑީވޯޓަރިން ހޮޅިތައް އަޅާފައިހުރި ނަމަވެސް އެ ހޮޅިތައް ހުރީ ބޭނުންކުރެވޭ ގޮތަކަށް ނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ރިންގް ރޯޑު ހެދިއިރު އަޅާފައިހުރި ހޮޅިތަކަށް ގުޅަންޖެހޭ ޕަމްޕްތައް ބަހައްޓާފައެއް ނުވެއެވެ. ރިންގް ރޯޑުގެ 3 ސަރަޙައްދެއްގައި ޑީ ވޯޓަރިން ހޮޅިތައް އެޅުމަށްފަހު ސްޕީޑު ބަންޕަރުތަކެއްވަނީ ހަދާފައެވެ.

ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ރިންގް ރޯޑު ހެދިއިރު ޑީވޯޓަރިންގެ މަސައްކަތް ކުރިއަށް ގެންދެވޭނެގޮތަށް މަގުގެ ހުރަހަށް ގިނަ ހޮޅިތަކެއް އަޅާފައިވާނެކަމަށެވެ. މުއިއްޒު ވިދާޅުވީ މި ހޮޅިތައް ޖެހޭނީ ހަމައެކަނި ކަނޑައެޅޭ ވަކި ޕަމްޕްތަކަކަށް ގުޅާލަންކަމަށެވެ. އަދި ރިންގް ރޯޑުގައި މިހާރު ޑީވޯޓަރިން ހޮޅިތައް އެޅުމަށްފަހު އުސްކޮށް ހަދާފައިވާ ސްޕީޑް ބަންޕަރުތަކަކީ ބޭކާރު އަދި އިތުރު ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމެއްކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ. މާލޭގައި ޑީވޯޓަރިންގެ މައްސަލަ ހައްލުނުވެ އިތުރަށް ގޯސްވަމުންދާކަމަށް ސިފަކުރައްވާ މުއިއްޒު ވިދާޅުވީ ޑީވޯޓަރިންގަށް އެކަށީގެންވާ ޙައްލެއް ލިބޭނީ ކަމާ ގުޅުންހުރި ހުރިހާ މުވައްސަސާތައް އެކައްޗެއް ކިޔައިގެންކަމަށެވެ.

ކުރީގެ މިނިސްޓަރ މުއިއްޒު މިހެން ވިދާޅުވި ނަމަވެސް މަޖީދީ މަގާއި ރިންގް ރޯޑު ހަދާފައިވަނީ މާލެއަށް ދިމާވެފައިވާ ޑީވޯޓަރިން މައްސަލައަށް ޙައްލެއް ނުގެނެސްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔާރ ސިފާ މުޙައްމަދު ވިދާޅުވީ މާލޭ ރިންގް ރޯޑު ހަދާފައިވަނީ އެކަށީގެންވާ ރަނގަޅު ޕްލޭނެއްގެ ދަށުން ނޫންކަމަށާއި މަގު އުސްކޮށް ހަދާފައިވުމުން ވާރޭ ވެހުމުން ރިންގް ރޯޑާއި ގުޅިފައިވާ މަގުތަކުގައި ފެންބޮޑުވަމުންދާކަމަށެވެ.