ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށް
މިނިސްޓްރީ އޮފް ހެލްތުން ހިންގާ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ނ. އަތޮޅު
ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޖުމްލަ -/663،553 (ހަލައްކަ ފަސްދޮޅަސް ތިންހާސް ފަސްސަތޭކަ ފަންސާސް ތިން
ރުފިޔާ) ޚަރަދުކޮށްގެން ހެލްތު މިނިސްޓްރީން ހިންގާ މިޕްރޮޖެކްޓްގެ މަސައްކަތް
ހަވާލުކޮށްފައިވަނީ ހަވާވުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.
އާބާދީގައި 1900 އެއްހާ މީހުން ދިރިއުޅޭ ނ. މަނަދޫގައި ހުންނަ އެއަތޮޅު
ހޮސްޕިޓަލަކީ ކޮންމެ ދުވަހަކުވެސް އަތޮޅުގެ ގިނަ ޢަދަދެއްގެ ބަޔަކާއި އަތޮޅުގެ
ރިސޯޓުތަކުން ފަތުރުވެރިންނާއި ބިދޭސީން ޚިދުމަތް ހޯދަން ޒިޔާރާތްކުރާ
ތަނަކަށްވެފައި އެހޮސްޕިޓަލުގައި އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް
ދިނުމުގައި ހުރި ބައެއް ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީއާއެކު
ކުރެވުނު މަޝްވަރާތަކުން، އެ ހޮސްޕިޓަލުގައި މިހާރުން މިހާރަށް އެންމެ ބޮޑަށް
އިސްކަމެއްދީގެން ކުރަންވެފައިވާ ގިނަ މަރާމާތުތައް މިޕްރޮޖެކްޓުގެ ތެރޭގައި
ހިމެނިފައިވާކަމަށް ނ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އެގޮތުން މި ޕްރޮޖެކްޓްގެ ތެރެއިން އެ ހޮސްޕިޓަލުގެ ޖެނެރަލް ވޯޑާއި އެތެރޭގެ
ސީލިންގތައް މަރާމާތުކުރުމާއި، ހޮސްޕިޓަލުގެ ފާރުތަކަށް ލިބިފައިވާ ގެއްލުންތައް
މަރާމާތު ކުރުމުގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓުގައި ކުރަންހުރި
މަރާމާތުތައްވެސް ކުރެވިގެންދާނޭ ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި
އޭގެ އިތުރުންވެސް ހޮސްޕިޓަލުގެ ފާޚާނާތައް މަރާމާތުކުރުމާއި ވޯޑުތަކުގައި ހުރި
ކަބަޑުސެޓްތައް މަރާމާތުކުރުމުގެ އިތުރުން
އެމްބިޔުލާންސް ޑްރައިވިންގ ވޭ އަކާއި ބާވެފައިވާ
ދޮރުތަކާއި ދޮރުފަތްތައްވެސް ބަދަލުކުރެވޭނޭކަމަށް އެހޮސްޕިޓަލުން
މައުލޫމާތުދެއެވެ.
ހަލައްކަ އަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިޕްރޮޖެކްޓް
ހަވާލުކޮށްފައިވަނީ ހަވާވުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ޕްރޮޖެކްޓުގެ
އެއްބަސްވުމުގައިވާ ގޮތުން އެކުންފުނިން މިމަސައްކަތްފަށާ ތާރީޚުން ފެށިގެން 42
ދުވަސް ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.
2006 ވަނަ އަހަރުގެ ފަހުން މިދިޔަ 9 އަހަރުގެ ތެރޭގައި މިފަދަ މަރާމާތެއް
އެހޮސްޕިޓަލުގައި ކުރެވިފައިނުވާއިރު، މި ޕްރޮޖެކްޓް ނިމުމުން އެހޮސްޕިޓަލުން
ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި
ލުއިފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް އެހޮސްޕިޓަލުން ގަބޫލުކުރެއެވެ.