ކުޅިވަރު

"2023ގެ އައިއޯއައިޖީގައި ރާއްޖޭގެ އަމާޒަކީ 31 މެޑަލް!"


2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓާގެޓަކީ 31 މެޑަލް ހޯދުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މަރުޒޫގް ވިދާޅުވެއްޖެއެވެ.

އައިއޯއައިޖީގައި ރަން މެޑަލް ހޯދި އެތްލީޓުންނަށް މަރުޙަބާ ކިޔުމަށް ސްޓެލްކޯގައި ބޭއްވި ރަސްމީޔާތެއްގައި ވާހަކަ ދައްކަވަމުން މަރުޒޫގް ވިދާޅުވީ، 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި ގޭމްސްއަށް ރާއްޖޭގެ ކޮންޓިންޖެންޓް ދިޔައީ 9 މެޑަލް ހޯދުމަށް އަމާޒު ކަނޑައަޅައިގެންކަމަށާއި، އެ އަހަރު ރާއްޖެއިން 8 މެޑަލް ހޯދިކަމަށެވެ. އަދި އެހާ ހިސާބުން 2019 ގައި 15 މެޑަލް މެޑަލް ހޯދުމަށް ޓާގެޓް ކަނޑައެޅި ކަމަށާއި، އެ ޓާގެޓް މިފަހަރުގެ އައިއޯއައިޖީގައި ހާސިލް ކުރެވުމުން ހިތްހަމަޖެހޭކަމަށެވެ.

އަދި 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވާ އައިއޯއައިޖީގައި 31 މެޑަލް ހޯދުމަކީ ރާއްޖޭގެ ޓާގެޓްކަމަށް މަރުޒޫގް ވިދާޅުވިއެވެ. މަރުޒޫގް ވިދާޅުވީ ހުރިހާ ކުންފުނިތަކަކާއި އެސޯސިއޭޝަންތައް އެއް ވިސްނުމެއްގައި މަސައްކަތްކޮށްފިނަމަ މި ޓާގެޓް ހާސިލް ކުރެވޭނެކަމަށެވެ.

"އިރާދު ކުރެއްވީއްޔާ 2023 ވަނަ އަހަރު ތި ކުންފުނިތަކުން އެހީތެރިވެފައި ރަނގަޅު ޕްރޮގްރާމް އެއް ކުރިޔަށް ގެންދެވިއްޖެކަމަށްވާނަމަ، މިޔަށްވުރެއް ރަނގަޅު ނަތީޖާއެއް ނެރެވޭނެ އެގޮތުން 31 މެޑަލް އަޅުގަނޑުމެން ހޯދާނެ، މި ދެންނެވިހެން ރަނގަޅު ޕްރޮގްރާމްއެއް ހިނގި އެންމެންގެ އެހީތެރިކަން ލިބިއްޖެކަމަށް ވާނަމަ 46 މެޑަލް އަޅުގަނޑަށް ފެނޭ އެބަ، ނަމަވެސް 31 މެޑަލް ޙޯދާނެ އިރާދުކުރެއްވީޔާ". މަރުޒޫގް ވިދާޅުވިއެވެ.

މަރުޒޫގް ވިދާޅުވީ ސިޔާސީ ސަބަބުތަކައްޓަކައި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ފަރާތުން ބައެއް އެތްލީޓުންނަށް އެއްބާރުލުން ނުލިބޭކަށެވެ. އަދި ސިޔާސީ ބޭނުމަށް ފައިސާ ޙަރަދު ކުރުމުގެ ބަދަލުގައި ރަން ވަނަތައް ހޯދި އެތްލީޓުން ކުރިއެރުވުމަށް ފައިސާ ޙަރަދު ކުރުމަށް މަރުޒޫގް ގޮވާލެއްވިއެވެ.