ކުޅިވަރު

މިހާރު ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އަލީ އަޝްފާގަށް


މިހާރު ސްޕޯޓްސް އެވޯޑްސް"ގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އަލީ އަޝްފާގު ހޯދައިފިއެވެ.

އޮންލައިން ނޫސް "މިހާރު" ގެ ކުޅިވަރު އެވޯޑް ކަމަށްވާ "މިހާރު އެވޯޑްސް" ހަފްލާގައި ރޭ ވަނީ ހަ ކުޅިވަރަކުން ކުޅުންތެރިންނަށް އެވޯޑް ހަވާލުކޮށްފައެވެ. ދަރުބާރުގޭގައި ރޭ ބެއްވި މިހާރު އެވޯޑްސް ނައިޓް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުންނެވެ.

2018 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ތިން ކުޅުންތެރިއަކާއި ވާދަކޮށް މި އެވޯޑް ހޯދި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)އެވެ. ދެވަނަ އަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް އާލީ ފާސިރު (ސެންޓޭ) ހޯދި އިރު ތިންވަނަ ކުޅުންތެރިޔަކަށް ހޮވުނީ އަހުމަދު ރިޒްވާން (ރިޒޭ)އެވެ.

މިދިޔަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓް ހޯދީ އަލީ އަޝްފާގް (ދަގަނޑޭ)އެވެ. އަޝްފާގް ވަނީ މިދިޔަ ސީޒަންގައި 42 ލަނޑު ޖަހާފައެވެ. މިދިޔަ ސީޒަންގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ހޯދީ ކްލަބް އީގަލްސްގައި މޮޅު ކުޅުމެއް މިހާރުވެސް ދައްކަމުން އަންނަ ހަސަން ރާއިފް (ހަންނަ)އެވެ.

ކުޅިވަރުގެ އެންމެ ބޮޑު ހަފްލާ "މިހާރު އެވޯޑްސް" ނައިޓް ރޭވަނީ ބާއްވައިފައެވެ. އެތުލެޓިކްސް، ފެތުން، ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް އެއްކޮށްގެންދޭ އިންޑިވިޖުއަލް ކުޅުންތެރިޔާގެ ބައިން އެންމެ މޮޅު ތިން ކުޅުންތެރިން އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިން ވަނީ ހޮވާފައެވެ. އަދި ވޮލީބޯޅައިން ވެސް އެންމެ މޮޅު ތިން ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިންނަށް މި ރަސްމިސްޔާތުގައި ވަނީ އެވޯޑް ދީފައެވެ.

2018 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީއެވެ. އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ހޯދީ ފާތިމަތު ނަބާހާ އަބްދުއް ރައްޒާގްއެވެ. ދެވަނައަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް އައިމިނަތު ނަބީހާ އަބްދުއްރައްޒާގް ހޮވުނު އިރު ތިންވަނައަށް ދިޔައީ ފާތިމަތު ދީމާ އަލީއެވެ.

2018 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މުހައްމަދު ނާއިލްއެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމް ހޯދީ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާންއެވެ. ދެވަނައަށް ހުސައިން ފަޒީލް ހާރުން ހޮވުނުއިރު ތިންވަނައަށް ދިޔަ ކުޅުންތެރިއަކީ ހަސަން ސާއިދުއެވެ.

2018 ވަނަ އަހަރުގެ އެންމެ އުއްމީދީ އަންހެން ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ ޝަހާ ޝާމިން ހޮވުނު އިރު އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ އައިޝަތު މާޖިދާއެވެ. ދެވަނައަށް ހައްވާ ރާޝިދާ ހޮވުނުއިރު ތިންވަނަ ކުޅުންތެރިޔަކަށް ހޮވުނީ ޖޫޒާން ޒަރީރެވެ.

2018 ވަނަ އަހަރުގެ އެންމެ އުއްމީދީ ފިރިހެން ވޮލީ ކުޅުންތެރިޔަކަށް ހޮވުނީ އާރިޒް މުހައްމަދުއެވެ. އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔަކަށް ޤައުމީ ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް ހޮވުނު އިރު ދެވަނައަށް ދިޔަ ކުޅުންތެރިޔަކީ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)އެވެ. ތިންވަނަ އަށް ދިޔައީ އިސްމާއިލް ސާޖިދުއެވެ.

މީގެ އިތުރުން މި އެވޯޑް ނައިޓްގައި ވަނީ އަލްމަރްހޫމް ސައްޔިދު ހަސަން އެކިއެކި ކުޅިވަރު ހިދުމަތްތަކަށް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް އެބޭފުޅާގެ ހަނދާނުގައި ޢާއިލާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ރާއްޖެ ކާމިޔާބުކުރުމާއި ގުޅިގެން އެކަމުގެ އަގުވަޒަންކޮށް އެވޯޑެއް ދީފައެވެ.