ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދަޢުވާކުރާ ހަ މީހުންގެ ތެރެއިން ތިން މީހާކާ ދެކޮޅަށް މިއަދު ކްރިމިނަލް ކޯޓުގައި މީހަކު ހެކިބަސް ދީފިއެވެ. ޔާމިން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށައެޅި ހެކިންގެ ތެރެއިން، ސިއްރު ދެ ހެކިންގެ ހެކިބަސް މިއަދުވަނީ ނަގާފައެވެ.
އޭގެތެރެއިން ސިއްރުން ހެކިބަސްދިން އެއް ހެކިވެރިއަކުބުނީ ޔާމީން ރަޝީދު މަރާލިރޭގެ ދަންވަރު އޭނާއަށް ޔާމީން ރަޝީދުގެ ގެއިން މީހަކު ހަޅޭތްލަވާއަޑު އިވުނުކަމަށާ، އެއަޑުއިވުމާއެކު އެގޭކައިރީ މަޑުކޮށްގެން ހުއްޓާ އެއަޑު އިރުކޮޅަކުން ކެނޑުނު ކަމަށެވެ. އަދި އެ އަޑު ކެނޑުތާ ދެތިން މިނެޓް ތެރޭގައި އޭނާގެ ކުރިމަތިން ދެމީހަކު ނިކުމެގެން ދިޔަތަން ފެނުންކަމަށް އޭނާ ބުންޏެވެ. އޭގެ ތެރެއިން އެކަކު ދިޔައީ އެގޭގެ ކަންމަތީ ސައިކަލެއްގައި މަޑުކޮށްގެން އިން މީހާގެ ފަހަތަށް އަރައިގެންކަމަށާ ދެވަނަ މީހާ ދިޔައީ އެގޭ ކައިރީ ޕާކުކޮށްފައިހުރި ސައިކަލަކަށް އަރައިގެންކަމަށް ބުންޏެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސިއްރުން ހެކިބަސް ދިން އެމީހާވަނީ އެވަގުތު ޝަރީއަތަށް ހާޒިރުކޮށްފައި ތިބި ހ.އަންނާރުމާގޭ، އިސްމާއިލް ހައިޝަމް ރަޝީދާއި މ.އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް ދެއްކުމަށްފަހު އެއީ ޔާމިން ރަޝީދުގެ ގެއިން އެވަގުތު ނުކުމުންދިޔަ ދެމީހުންކަމަށް ބުނެފައިއެވެ. އަދި އޭގެ ތެރެއިން ޒިހާން ހުރީ ގޮޅިޖެހި ގަމީހެއް ލައިގެން ކަމަށާއި ހައިޝަމް ހުރީ ޓީޝާޓެއް ލައިގެން ކަމަށް އޭނާ ބުންޏެވެ. އެ ދެމީހުންވެސް އެގެއިން ނުކުންއިރު ތިބީ މޫނުމަތީ ސާރޖަރީ މާސްކެއް އަޅައި މޫނު ނިވާކޮށްގެންކަމަށްވެސް ވަނީ ބުނެފައެވެ.
މ.ޠާއިފް، އިސްމާޢީލް ރަޝީދު ދެއްކުމަށްފަހު ބުނީ އެގެއިން ނުކުތް އެކަކުގޮސް އެރީ އެމީހާގެ ސައިކަލު ފަހަތަށް ކަމަށެވެ. ހެކިވެރިޔާ ބުނި ގޮތުގައި އެމީހުން ސައިކަލުގައި ދިޔައީ ހެކިވެރިޔާގެ ވަރަށް ކައިރިންނެވެ.
އެމީހާގެ އިތުރުން ދެން ހެކިބަސްދިން މީހާ ބުނީ ޔާމީން ރަޝީދު މަރާލިރޭ ދަންވަރު 2.30ހާއިރު ގެއިން ނިކުންއިރު ގޭގެ ތިރިހުރީ ދިއްލާފައި ކަމަށާއި އެހެން ނަމަވެސް އަނބުރާ އެގެއަށް އައިރު ގޭގެ ތިރި ހުރީ ނިވާލާފައި ކަމަށެވެ. އަދި ލިފްޓުން އެރިވަގުތު ލިފްޓް ތެރޭގައި ދިއްލާފައި ހުރި ލައިޓްގެ އަލި ގޭގެ ތެރެއަށް އެޅުނު ކަމަށްބުންޏެވެ. އެ ހެކިވެރިޔާ އެގޮތަށް ހެކިބަސްދީފައިވާއިރު އޭނާ ހެއްކެތްގޮތުގައި ހާޒިރުކުރީ އޭނާ ލިފްޓުން އެރޭ އަރަން އުޅެނިކޮށް ސިޑި ކައިރިން ވެއްޓިފައި އޮތް މީހެއްގެ ފައި ފެނުންކަން ސާބިތުކޮށްދޭށެވެ. ނަމަވެސް ސިއްރުން ހެކިބަސް ދިން އެމީހާގެ ހެކިބަހުގައި އެމަންޒަރުގެ އެފަދަ އެއްވެސް ވާހަކައެއް ފާހަގައެއް ނުކުރެއެވެ.
އެ މައްސަލައިގެ ހެކި ފިންގަޕްރިންޓް އެނަލިސިސް ކުރިމީހާގެ ހެކިބަސްނެގުމަށް ވެސް މިއަޑު އެހުމަށް ހަމަ ޖެއްސިއެވެ. ނަމަވެސް ދިފާޢީ ވަކީލެއްގެ އިއުތިރާޒްތަކާހުރެ އޭނާގެ ހެކިބަސް، ފަހު ދުވަހަކަށް ވަނީ މަޑު ޖައްސާލާފައެވެ.
އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ޝަރީޢަތުގައި ދެން ވެސް އޮންނާނީ ހެކިންގެ ހެކިބަސް ނެގުމެވެ.