ޚަބަރު

ރިޟްވާން ގެއްލުވާލުމުގައި ބައިވެރިވީ "ޓެރަރިސްޓް ގްރޫޕެއް" އެމީހުން ހޯދިއްޖެ - ސުއުދޫ


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ރަހީނުކުރުމުގެ އަޑީގައި ތިބީ "ޓެރަރިސްޓް ގްރޫޕެއް" ކަމަށާއި ދައުވާ ކުރެވޭ މިންވަރަށް ހެއްކާއެކު އެއީ ކޮންބައެއްކަން ހޯދިފައިވާކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތައް މާރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ވަޅިއަކުން ބިރު ދައްކައި، ރިޟްވާން ރަހީނުކޮށްގެން ގެންދިޔަތާ މިއަދަށް ފަސް އަހަރުވެފައިވާއިރު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސައްލައާ ގުޅޭ ބައެއް މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ސުއޫދު ވިދާޅުވީ ރިޟްވާން ރަހީނުކުރި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތު އެކޮމިޝަނުން މީގެ ދެ ހަފްތާކުރިން ހިއްސާކުރައްވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ރިޟްވާން ރަހީނުކުރުމުގައި ބައިވެރިވި މީހުންގެ މައުލޫމާތު މި މަސް ނިމުގެ ކުރިން ހާމަ ކުރުމާމެދު ކޮމިޝަނުން ވިސްނަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް ސުއޫދު ވިދާޅުވީ ރިޟްވާން ރަހީނުކުރުމަށްފަހު ފަހު ދެން އޭނާއާ މެދު ކަންކުރި ގޮތް ހޯދުމަށް އަދިވެސް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. ރިޟްވާން ގެންދިއުމަށްފަހު ހެދިގޮތް އަދިވެސް ހޯދިފައިނުވާއިރު މިހާތަނަށް ލިބިފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. އެހެން ނަމަވެސް ދައުވާ ކުރިއަށް ގެންދެވުނީ ދެ މީހެއްގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި ދައުވާ ލިބޭ އެކަކު ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ.