ގޯލްކީޕަރު އެލިސަން ބެކާ އަށް ޗެލްސީއާ ދެކޮޅަށް ސުޕަ ކަޕް ފައިނަލުގައި ނުކުޅެވޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގު ހުޅުވަން ރޭ ކުޅުނު މެޗުގައި އެލިސަން އަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމާ ގުޅިގެންނެވެ. ނޯވިޗް ސިޓީ އަތުން ލިވަޕޫލް 4-1އިން މޮޅުވި މެޗުގައި އެލިސަން އަށް އަނިޔާވީ މެޗުގެ 39 ވަނަ މިނިޓްގައި ގޯލް ކުރިމަތިން ބޯޅަ ފޮނުވާލަން އުޅެނިކޮށެވެ.
ކޯޗު ކްލޮޕް ބުނީ މިއީ ޕްރީ ސީޒަނުގައި ކުޅުންތެރިޔާ އަށް ރަނގަޅަށް ތައްޔާރު ނުވެވުމުގެ ނަތީޖާ ކަމަށެވެ. އެލިސަން އަށް ލިވަޕޫލްގެ ޕްރީ ސީޒަނުގައި ބައިވެރިނުވެވުނީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުމަށްފަހު ޗުއްޓީ ހޭދަކުރަން ވަގުތު ދީފައިވާތީ އެވެ.
އޭނާ ނެތުމުން ގޯލް ބަލަހައްޓާނީ އަދްރިއަން އެވެ. ކްލޮޕް ބުނީ ނޯވިޗް ސިޓީ އަތުން ލިވަޕޫލް މޮޅުވި މެޗުގައި ކުޅެން ނުކުމެ އަދްރިއަން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށާއި ބުދަ ދުވަހު ސުޕަ މެޗަށް އޭނާ ފުރިހަމަ އަށް ތައްޔާރުވާނެ ކަމަށެވެ.