ކުޅިވަރު

ނިލަންދޫގެ މައްޗަށް ޓީސީ ކުރި ހޯދައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިލަންދޫ ސްޕޯޓްސް ކުލަބް އަތުން 2-0 ގެ ނަތީޖާއަކުން ހޯދި މޮޅާއެކު ލީގުގެ ގަދަ ހަތަރަކަށް ޓީސީ ޖެހިލައިފިއެވެ.

މި މޮޅާއެކު ޖުމްލަ 12 ޕޮއިންޓް ހޯދައި ޓީސީ ވަނީ ލީގުގެ ހަތަރުވަނަ މަގާމު ހޯދާފައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ 17 ޕޮއިންޓާއެކު މާޒިޔާއެވެ. ދެވަނައިގައި 13 ޕޮއިންޓާއެކު އޮތީ ދަ ގްރާންޑޭއެވެ.

މި މެޗުގައި ޓީސީގެ ދެ ގޯލުވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. ޓީސީ އަށް މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ނޭޕާލްގެ ފޯވާޑް ބިމަލް މަގަރްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އޭރިއާ ބޭރުން ލިބުނު ބޯޅަ ނިލަންދޫގެ ގޯލްކީޕަރު މުހައްމަދު ޝަފީއު ކުރިޔަށް އެރި ދަނޑިވަޅުގައެވެ.

އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަހުކޮޅުގައެވެ. މެޗުގެ 39 ވަނަ މިނެޓުގައި އިޝާން އިބްރާހިމް (ސައްޓު) މި ގޯލު ކާމިޔާބުކުރީ އިސްމާއީލް އީސަ (މެސީ) ނެގި ކޯނަރަކުން އޭރިއާ ބޭރަށް ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްގެންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މި މެޗުގައި ކުޅުންތެރިންގެ ހިތްވަރު ވަރަށް ރަނގަޅަށް ދެއްކި ކަމަށާއި މިއީ އުއްމީދުކުރި ނަތީޖާ ނޫންކަމަށެވެ. ނަމަވެސް މުހިއްމީ މޮޅުވުން ކަމަށާއި އެކަން ވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު، ނަމަވެސް މިއީ އުއްމީދު ކުރި ނަތީޖާއެއްނޫން. އެކަމަކު މުހިއްމީ ކޮންމެ މެޗަކުންވެސް ތިން ޕޮއިންޓް ހޯދުން. އެކަން މި މެޗުން ހާސިލްވުމުން ހިތްހަމަޖެހޭ" އާތި ބުންޏެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކޮންމެ މެޗެއްގައި ކުޅުވަން ޖެހެނީ އާ ފުރަތަމަ އެގާރައެއް ކަމަށާއި ޓީމު ސެޓް ނުވާތީ ކުޅުންތެރިންނަށް އަދި މެޗުތަކުގައި ރަނގަޅަށް އިތުބާރު ނުލިބޭ ކަމަށެވެ.

"ކޮންމެ މެޗެއްގައި ކުޅުވަން މިޖެހެނީ މުޅިން އާ ފުރަތަމަ އެގާރައެއް. ޓީމު ސެޓް ނުވާތީ ކުޅުންތެރިނަށް އަދި މެޗުތަކުގައި ރަނގަޅު އިތުބާރު ނުލިބޭ" ފެސްކޯ ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ވަގުތުދިނުމުގެ ގޮތުން އެފްއޭއެމުން ވަނީ މި މެޗާއެކު ލީގުގެ ކުޅުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން އަނެއްކާވެސް ފަށާނީ 18 ސެޕްޓެމްބަރުގައެވެ.