ލެވިސްޓާ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗު ސައިނޯސާއިން ކާމިޔާބުކޮށްފިއެވެ.
ކޮންމެ އަޟްހާ އީދެއްގައި އޭދަފުށީގައި ބާއްވަމުން އަންނަ މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗު ސައިނޯސާއިން ކާމިޔާބުކުރީ ޔުނައިޓެޑް ވީ އާއި ވާދަކޮށް ދެ ލަނޑު ސުން ލަނޑުންނެވެ.
އޭދަފުށި ޓާފް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ސައިނޯސާއިން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ސަތާރަ ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ. މި ލަނޑަށް ފަހު ޔުނައިޓެޑް ވީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް މަސައްކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައިނޯސާއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތިޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު މެޗުގެ ބާވީސް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މުޙައްމަދު އުމައިރުއެވެ.
ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑް ވީ އިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. އެގޮތުން އެޓީމުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށްވެސް ވަނީ އަމާޒުވެފައެވެ. މެޗުގައި އިތުރަށް ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ސައިނޯސާއަށް ވަނީ ލިބި އޭގެ ބޭނުން ކުރެވޭގޮތް ވަނީ ނުވެފައެވެ. ޙާއްސަކޮށް އަލީ އަޝްފާގް (ދަނގަޑޭ) އާއި އިޝާން އިބްރާހިމް (ސައްޓު)އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެމް.އޭ ޔުނައިޓެޑާއި ހުސް ސޮގުންނެވެ.