ކުޅިވަރު

ގާޑިއޯލާ ވީއޭއާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފި


މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވީއޭއާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އޭނާ ހިތްހަމަ ނުޖެހުނީ އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޓޮޓެންހަމްއާ ބައްދަލުކޮށް 2-2އިން އެއްވަރުވި މެޗުގައި ސިޓީން ޖެހި ތިން ވަނަ ގޯލު ބަލައިނުގަތުމުންނެވެ. އެއީ ސިޓީގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ކަމަށް ވީއޭއާރު މެދުވެރިކޮށް ރެފްރީ ނިންމުމުންނެވެ.

ގާޑިއޯލާ ބުނީ ވީއޭއާރު މަސައްކަތްކުރަނީ އެކި ފަހަރު އެކިގޮތަށް ކަމަށް. ހާއްސަކޮށް އެކަހަލަ ކަންތައްތަކުގައި ރެފްރީންގެ ނިންމުން ތަފާތުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އޭނާ ބުނީ ވީއޭއާރު މެދުވެރިކޮށް ބައެއް ނިންމުންތައް ނިންމާއިރު ވީއޭއާރު ރެފްރީންގެ ޓީމު ކޮފީ ބްރޭކްގައި ތިބޭނަމަ އެއީ ޓީމުތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ރޭގެ މެޗުގައި ގާޑިއޯލާ އާއި ސާޖިއޯ އަގުއެރޯއާ ދެމެދު ހިތްހަމަނުޖެހުންތަކެއް ވެސް ކުރިމަތިވިއެވެ. ނަމަވެސް ފަހުން ގާޑިއޯލާ ބުނީ އަގުއެރޯގެ ހިތްހަމަނުޖެހުންތައް ހިއްސާކުރި ކަމަށާއި ކުޅުންތެރިޔާގެ މިސްއަންޑަސްޓޭޑިން މިހާރު ނިމިފައިވާ ކަމަށެވެ. އަދި އޭނާ އާއި އަގުއެރޯއާ ދެމެދު އެއްވެސް މައްސަލައެއްނެތް ކަމަށާއި އެއީ އޭނާ އަށް ވަރަށް ކަމުދާ ކުޅުންތެރިއެއް ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.