އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލް އާއި ކިރްގިސްތާން ބައްދަލުކުރި މެޗު ކިރްގިސްތާން ކާމިޔާބުކޮށްފިއެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ނޭޕާލް އާއި ކިރްގިސްތާން ބައްދަލުކުރި މެޗު އެޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ 25-23، 25-22 އަދި 25-22 އިންނެވެ. މި މޮޅާއެކު ކިރްގިސްތާންއަށް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު ބޮޑުވެފައެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ރާއްޖެ ގަޑިން 6:15 ގައި ދިވެހިރާއްޖެއާއި ބައްދަލުކުރާ މެޗު ކާމިޔާބުކޮށްފިނަމަ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. މި މެޗުން ރާއްޖެ ބަލިވިޔަސް މުބާރާތަކުން ނުކަޓާނެއެވެ. އެއީ މި މެޗަކީ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަަތަމަ މެޗަށް ވާތީއެވެ. ގްރޫޕް ސްޓޭޖުގައި ދިވެހިރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހު ހަވީރު ރާއްޖެ ގަޑިން 4:15 ގައި ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ނޭޕާލް އާއި ދެކޮޅަށެވެ.
މިމަހުގެ 19 އިން 24 ގެ ނިޔަލަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިޔަށްދާ މި މުބާރާތުގެ ގްރޫޕް އޭގައި ކުޅުނު ފުރަަތަމަ މެޗުގައި ފުރަތަަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ކިރްގިސްތާންއިން ކާމިޔާބުކުރީ 23-25 އިންނެވެ. މި ސެޓުގައި ނޭޕާލް އިން ލީޑު ނެގިނަމަވެސް މާ ގިނައިރު އެ ލީޑު ހިފަހައްޓާލެވިފައެއްނުވެއެވެ. މެޗުގެ ދެވަނަ ސެޓާއި ތިންވަނަ ސެޓު ކިރްގިސްތާން ކާމިޔާބުކުރީ 22-25 އިންނެވެ.
ހަތް ޓީމު ކުޅޭ މި މުބާރާތުގެ ހަތަރު ޓީމު އޮތް ގްރޫޕުގައި މިއަދު ވަނީ ދެ މެޗެއް ކުޅެފަ އެވެ. ހެނދުނު ކުޅުނު މެޗުން ތުރުކުމެނިސްތާން ވަނީ 3-1 ސެޓުން އަފްގާނިސްތާން ބަލިކޮށްފަ އެވެ. މިއަދު ކުޅުނު ފަހު މެޗުން އުޒްބެކިސްތާން ވަނީ ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
މި މުބާރާތުގައި މާދަމާ ދިވެހިރާއްޖެ އާއި ކިރްގިސްތާން ބައްދަލުކުރާ މެޗު ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6:15 ގަައެވެ.