ކުޅިވަރު

ޤައުމީ ވޮލީ ޓީމަށް މިނިސްޓަރ މަޙުލޫފް ހިތްވަރުދެއްވައިފި


ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ އޭވީސީ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފް ހިތްވަރުދެއްވައިފިއެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ކިރްގިސްތާނާއި ދެކޮޅަށެވެ. މި މެޗަށް ތައްޔާރުވުމަށް ބޭއްވި އެންމެ ފަހުގެ ފަރިތަކުރުތަަކަށް ފަހު މިނިސްޓަރ މަޙުލޫފް ވަނީ ވޮލީ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދަށް ފޯނުން ގުޅުއްވައި ޓީމުގެ ކުޅުންތެރިން ހާލު ބައްލަވާލައްވާފައެވެ. އަދި ކުޅުންތެރިންނާއި ވާހަކަ ދައްކަމުން މިނިސްޓަރ މަޙުލޫފް ވިދާޅުވީ، ހުރިހާ ކުޅުންތެރިންވެސް ހިތްވަރާއެކު ކުޅެ ޤައުމަށް ރީތި ނަން ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތައް ތައްޔާރުވުުމަށް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމާއި ސްރިލަންކާގެ ޤައުމީ ވޯލީބޯޅަ ޓީމުގެ މެދުގައި ތިން މެޗެއް ރާއްޖޭގައި ވަނީ ކުޅެފައެވެ. މި މެޗުތަކަކީ ޔޫތް މިނިސްޓަރ އަޙުމަދު މަޙޫލޫފްގެ ދައުވަތަކަށް ލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމު މާލެ އައިސް ކުޅުނު މެޗުތަކެކެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ސަރބިޔާގައިވެސް ރާއްޖޭގެ ޤައުމީ ވޯލީބޯޅަ ޓީމު ކޭމްޕުކޮށް ރަނގަޅު ޓްރެއިނިން ތަކެއް ވަނީ ހަދާފައެވެ.

މިމަހުގެ 19 އިން 24 ގެ ނިޔަލަށް ނޭޕާލްގެ ކަތަމަންޑޫގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނުނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޤައުމުތަކަކީ މުބާރާތް ބާއްވާ ޤައުމު ނޭޕާލް އާއި ކިރްގިސްތާންއެވެ.