ކުޅިވަރު

ނޭޕާލް މެޗު ކާމިޔާބުކުރުން ނޫންގޮތެއް ނެތް - ސާޖިދު


އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދިއުމަށް އެއްވެސް ބަހަނާއެއް ނެތްކަމަށާ، ނޭޕާލް ބަލިކުރުން ނޫންގޮތެއް މިހާރު ނެތްކަމަށް ރާއްޖޭގެ ޤައުމީ ވޯލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.

ސާޖިދު މިހެން ބުނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އިއްޔެ ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުންނެވެ. މުބާރާތުގެ ޝިޑިއުލް އެންމެ ފުރަތަމަ ރޭވިފައި އޮތީ ނޭޕާލާއި ދިވެހިރާއްޖެ ކުޅޭ މެޗުން މުބާރާތް ފެށުމަށެވެ. ނަމަވެސް ފަހުން ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް ގެނެސް ނޭޕާލް އާއި ދިވެހިރާއްޖެ ކުޅޭ މެޗު ވަނީ ފަސްކޮށްފައެވެ. މީގެ ސަބަބުން ނޭޕާލްއަށް އެއް ދުވަސް އަރާމުކުރުމަށް ވަނީ ލިބިފައެވެ. އެހެންކަމުން އަމިއްލަ ޤައުމުގައި ރާއްޖެއާ ދެކޮޅަށް މިއަދު ނޭޕާލް ނުކުންނައިރު އެޑްވާންޓޭޖް ބޮޑީ ނޭޕާލްއަށެވެ.

ނޭޕާލްއާއި ބައްދަލުކުރަން ޖެހޭ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނީ، ސެމީ ފައިނަލަށް ދިއުމަށްޓަކައި ނޭޕާލް ބަލިކުރުން ނޫންގޮތެއް ނެތްކަމަށާއި، ކޮންމެ ގޮތަކުންވިޔަސް މިމެޗު ކާމިޔާބުކުރަން ޖެހޭކަމަށެވެ. ކޯޗު ސާޖިދު ބުނީ ފަސް ސެޓަށް ގޮސްގެންވިޔަސް މިމެޗު ކާމިޔާބުކުރެވިއްޖެނަމަ ސެމީ ފައިނަލަށް ދަތުރުކުރާނެކަމަށާއި، މެޗުގެ އެންމެ ފަހު ޕޮއިންޓާ ހަމައަށްވެސް ހިތްވަރު އެލުވާނުލާ މަސައްކަތްކުރާނެކަމަށެވެ.

"މެޗުން އަޅުގަނޑުމެންނަށް މޮޅުުވުން ނޫން ގޮތެއް ނޯންނާނެ. އެއީ ކޮންމެ ގޮތަކަށްވިޔަސް މޮޅުވާން މަޖުބޫރު އެއީ ފަސް ސެޓް ކުޅެގެން ކަމުގައި ވިޔަސް. މޮޅުވީމަ އަޅުގަނޑުމެންނަށް ސެމީއަށްދާން ފުރުސަތު އަދި އެބައޮތް. ދެން އަޅުގަނޑުމެން އެންމެ ފަހު ޕޮއިންޓާއި ޖެހެންދެން ހިތްވަރުކުރާނަން އަދި ހަމަ ދުލެއް ނުކުރާނަން" ކިރްގިސްތާން އަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ސާޖިދު ބުންޏެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ހިމެނުނީ ގްރޫޕް އޭގައެެވެ. ދެން މި ގްރޫޕްގައި ހިމެެނެނީ ކިރްގިސްތާނާއި މުބާރާތް ބާއްވާ ޤައުމު ނޭޕާލްއެވެ. މި ގްރޫޕްގައި ހިމެނޭ ކިރްގިސްތާން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މި ގްރޫޕުން ދެން ސެމީ ފައިނަލަށް ދަތުރުކުރާނީ ދިވެހިރާއްޖެ އާއި ނޭޕާލް މިއަދު ހަވީރު ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.