ނޭޕާލްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ނޭޕާލާއި ދެކޮޅަށް ނުކުތީ އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ބަލިކުރުމުގެ އަޒުމުގައިކަމަށް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އަލީ ހުޒާމް ބުނެފިއެވެ.
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެންމެ ފަހުން ރާއްޖޭގައި އަދި ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެވަނީ ނޭޕާލް އަތުން ބަލިވެފައެވެ. އެހެންކަމުން، މި މެޗަށް ރާއްޖެއިން ނުކުތީ ނޭޕާލްގެ އަމިއްލަ ފަސްގަނޑުގައި ބަދަލު ހިފުމުގެ އަޒުމުގައެވެ.
މެޗަށްފަހު ނޫސްވެެރިންނާއި ވާހަކަދައްކަމުން ކެޕްޓަން ހުޒާމް ބުނީ މުބާރާތައް ޓީމު އައީ ވަކި ޓާގެޓެއް ޙާސިލް ކުރަންކަމަށާއި އެގޮތުން އެ ޓާގެޓް ޙާސިލް ކުރުމަށް މި މެޗު ކާމިޔާބުކުރުން ވަރަށް މުޙިއްމުކަމަށެވެ. މި ފަހަރުގެ މުބާރާތައް ރާއްޖެއައީ ރަން މެޑަލް ހޯދުމުގެ އަޒުމުގައެވެ. މީގެ ކުރިން ރާއްޖެއިންވަނީ މި މުބާރާތުގައި ބްރޯންޒް އަދި ސިލްވަރ މެޑަލް ހޯދާފައެވެ.
ހުޒާމް ބުނީ މީގެ ކުރިން ނޭޕާލުން ދެ ފަހަރެއްގެ މަތިން ރާއްޖެ ބަލިކޮށްފައި އޮތުމުން އެކަން ތަކުރާރުވިޔަނުދިނުމަށް މެޗުގެ ކުރިން ހުރިހާ ކުޅުންތެރިންވެސް އަޒުމު ކަނޑައެޅިކަމަށެވެ. އެގޮތުން ނޭޕާލްގެ އަމިއްލަ ފަސްގަނޑުގައި ރާއްޖެ ބަލިވާން އެއްވެސް ކުޅުންތެރިޔަކު ބޭނުންނުވިކަމަށާއި ރާއްޖޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައި ނޭޕާލުން ރާއްޖެ ބަލިކުރުމުން ކުރެވުނު އިހުސާސް ކުޅުންތެރިންނަށް އެނގޭކަމަށެވެ. އެހެންކަމުން މި މެޗަށް ނުކުތީ ނޭޕާލް އަތުން ބަދަލު ހިފައި ސެމީ ފައިނަލަށް ދާންކަމަށް ކެޕްޓަން ހުޒާމް ބުންޏެވެ.
"އަޅުގަނޑުމެން މުބާރާތައް މިއައީ ވަރަށް ބޮޑު ޓާގެޓެއް ޙާސިލްކުރަން. ދެން ކޮންމެހެނެއްވެސް މި މެޗަކީ ރާއްޖެއަށް ވަރަށް މުހިއްމު މެޗެއް. ބަލިވެއްޖީޔާ މުބާރާތުން ކެޓީ. އެހެންވީމާ އެއްވެސް ކުޅުންތެރިއަކުވެސް އަދި ކޯޗިން ސްޓާފަކުވެސް ބޭނުންނުވާނެ މި މެޗުން ބަލިވާކަށް. ދެން އަޅުގަނޑުމެން މެޗުގެ ކުރިން މީޓިންނެއް ބާއްވާފައި ބުނިން ނޭޕާލް އަހަރުމެން ދެ ފަހަރު ބަލިކޮށްފައޭ އޮތީ، މި މެޗުން ބަލިވެއްޖީޔާ ތިންވަނަ ބައްޔޭ ވާނީ. އެހެންވީމަ އެއްވެސް ކުޅުންތެރިއަކު ބޭނުން ނުވި އެމީހުން އަމިއްލަ ފަސްގަނޑުގައި ރާއްޖެ ޓީމު ބަލިވާކަށް. އެމީހުން ރާއްޖެ ގޮއްސަ ރާއްޖެ ޓީމު ބަލިކުރި އިހުސާސް ކުޅުންތެރިންނަށް އިނގޭނެ." ކެޕްޓަން ހުޒާމް ބުންޏެވެ.
މި މޮޅާއެކު ރާއްޖެވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަަލަށް ދަތުރުކުރީ ކިރްގިސްތާންއެވެ. ދެން މި ގްރޫޕްގައި ހިމެނޭ މުބާރާތް ބާއްވާ ޤައުމު ނޭޕާލް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގައި ދިވެހިރާއްޖެ ނުކުންނާނީ އުޒްބެކިސްތާނާއި ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 3:45 ގައެވެ. މި މެޗުޗެސް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.