މިދިޔަ އަހަރުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ލިވަޕޫލްގެ ޑިފެންޑަރ ވާޖިލް ވެން ޑައިކް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ހޮވައިފިއެވެ. އޭނާއަށް މި އިނާމް ހަވާލުކުރީ ރޭ ބޭއްވި ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައެވެ.
ނެދަލޭންޑްސްގެ ކެޕްޓަންވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ އިނގިރޭސި ޕްރިމިއަރ ލީގުގެ ދެ ވަނަ ހޯދައިދީފައެވެ. އަދި ނެދަލޭންޑްސް ގޮވައިގެން ނޭޝަންސް ލީގުގެ ފައިނަލްގައިވެސް އޭނާވަނީ ކުޅެފައެވެ. ވެން ޑައިކަކީ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ޑިފެންޑަރުވެސްމެއެވެ. އެންމެ މޮޅު ކީޕަރަކީ ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން ބެކާއެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ އަޔެކްސަށް ކުޅުމަށްފަހު ބާސެލޯނާއަށް ބަދަލުވި ނެދަލޭންޑްސްގެ ޒުވާން ކުޅުންތެރިޔާ ފްރޭންކީ ޑި ޔޯނެވެ. އެންމެ މޮޅު ފޯވަޑަކީ ބާސެލޯނާގެ ލަޔޮނަލް މެސީއެވެ.
އެވޯޑް ހަފުލާގައި ވެން ޑައިކް ބުނީ އޭނާއަށް ލިބުނު އެވޯޑްގެ މައިގަނޑު ސަބަބަކީ ޓީމުގެ ކުޅުންތެރިންކަމަށެވެ. އަދި މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއްކަމަށާއި. މިއީ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. އަދި ލިވަޕޫލްގެ ކުޅުންތެރިންނާނުލާ މިއީ ހޯދޭނެ ކާމިޔާބެއް ނޫންކަމަށްވެސް ވެން ޑައިކް ބުންޏެވެ. އަދި ޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވާކަމަށްވެސް އޭނާ ބުންޏެވެ.