ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި


ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފިއެވެ.

ތަށި ހޯދަން ޓީމު ވަރުގަދަކުރަމުން އަންނަ ބާސެލޯނާ ލައްވާލީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާއި އިޓަލީގެ އިންޓަމިލާނާ އެއް ގްރޫޕެއްގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސްލްވިއާ ޕްރާހެވެ. ޑޯޓްމުންޑްގެ ފޯވަޑް މާކޯ ރޮއިސް ބުނީ މުބާރާތުގެ ގުރު ނެގުމުގެ ކުރިންވެސް ބާސެލޯނާއާއި ޖެހިއްޖެނަމަ އުފާކުރާނެކަމަށް ކުޅުންތެރިން ބުނަމުންދިޔަ ކަމަށާއި އެކަން ހަޤީގަތަށްވުމުން އެ ޓީމާ ދެކޮޅަށް ކުޅުމުގެ ޝައުގުވެރިކަން ބޮޑުވެއްޖެކަމަށެވެ.

ގްރޫޕް އޭގައި ހިމެނެނީ ޕީއެސްޖީއާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑްއެވެ. މި ދެ ޓީމާއެކު ދެން ހިމެނެނީ ތުރުކީގެ ގަލަޓަސަރާއީއާއި ޕްރާގްއެވެ. ގްރޫޕް ބީގައި ހިމެނެނީ ބަޔާން މިއުނިކާއި ޓޮޓްނަމް އަދި އޮލިމްޕިއާކޯސް އާއި ރެޑްސްޓާ ބަލްގްރޭޑްއެވެ.

ގްރޫޕް ސީގައި ހިމެނެނީ މެންޗެސްޓާ ސިޓީ އާއި ޝަކްޓާ ޑޮނެސްޓް ޑީނަމޯ ޒެގްރެބާއި އެޓްލާންޓާއެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ވަރަށް ފަސޭހަ ގްރޫޕެއްކަމަށް ގިނަ ބަޔަކުދެކެއެވެ. ޑީ ގްރޫޕުގައި ހިމެނެނީ އިޓަލީގެ ޔުވެންޓަސްއާއި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑް އަދި ޖަރުމަނުގެ ބަޔާން ލެވަކުސަންއާއި ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯއެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ލައްވާލީ އިޓަލީގެ ނާޕޮލީއާއެކު ގްރޫޕް އީގައެވެ. މި ދެޓީމަކީ މިދިޔަ އަހަރުގެ މުބާރާތުގައިވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ ޓީމެވެ. ނާޕޮލީ މުބާރާތުން ކެޓީ ފަހު މެޗުގައި ލިވަޕޫލް އަތުން ބަލިވުމުންނެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސަލްބާޒާއި ގެންއެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ނާޕޮލީއާ ވާދަކުރުމަކީ ޝައުޤުވެރިކަމެއްކަމަށާއި އެއީ ހީކުރާ ވަރަށްވުރެ މާ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި މިފަހަރަކީ ލިވަޕޫލުން ފަރުވާތެރިނުވެއްޖެނަމަ އުނދަގޫވާނެ މުބާރާތަކަށްވާނެކަމަށް ޔާގެން ކުލޮފް ބުންޏެވެ.

ބާސެލޯނާ އެފް ގްރޫޕުގައި ހިމެނޭއިރު ގްރޫޕް ޖީގައި ހިމެނެނީ ޒެނިތާއި ބެންފީކާ އަދި ލިޔޯން އާއި ލީޕްޒިގްއެވެ. އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މުބާރާތުގައި ވާދަކުރާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީ ހިމެނެނީ ވެލެންސިޔާއާއި އަޔެލްސް އަދި ލިލްއާ އެކު ގްރޫޕް އެޗްގައެވެ.