ކުޅިވަރު

ފުވައްމުލައް ބަލިކޮށް މާލޭގެ ޓީމު ފައިނަަލަށް


ފުވައްމުލަކު ސިޓީގައި މިހާރު ކުރިޔަށްދަ ތިން ވަނަ ޤައުމީ ޓީ20 އަންހެން ކްރިކެޓް މުބާރާތުގައި ފުވައްމުލައް ބަލިކޮށް މާލޭ ޓީމު ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކޮށްފިއެވެ.

މިއަދު ހެނދުނު ފުވައްމުލަކު ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗު މާލޭގެ ޓީމު ކާމިޔާބުކުރީ 4 ވިކެޓުންނެވެ. މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން މާލޭގެ ޓީމު ނިންމީ ހޮވުމަށެވެ. ފުރަތަމަ އިނިންގްސްގައި ފުވައްމުލަކު ޓީމު ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 53 ލަނޑެއެވެ. މި މެޗުގައި ފުވައްމުލަކު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ބޯޅައިން 14 ލަނޑު ހެދި ފާތިމަތު މާހާއެވެ.

ޖަވާބުގައި މާލޭގެ ޓީމު ކުޅެން އަރައި 14 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިގެން 54 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. މި މެޗުގައި މާލޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 7 ލަނޑު ހެދި މަރިޔަމް ކިނަނާތެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާލޭގެ ޓީމު ކޯޗު ޙުސައިން އިޒުވާން ބުނީ، ޓީމު މިއަދު ދެއްކި ކުޅުމާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށާއި، މެޗުގައި ހުރިހާ ކަމެއްވެސް ކުރިޔަށްދިޔާ ޕްލޭން ކުރިގޮތާއި އެއްގޮތަށްކަމަށެވެ. އަދި މުބާރާތުގެ ފައިނަަލުން ޖާގައެއް މި ހޯދުނީ ޓީމުގެ ކުޅުންތެރިންގެ ބެލެނިވެރިންނާއި ކްރިކެޓް ބޯޑްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންކަން ފާހަގަކޮށް އެކަމަށްޓަކައި އިޒުވާންވަނީ މި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

"ޓީމް މިއަދު ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖޭ. އަޅުގަނޑުމެން ރޭގައި ޕްލޭން ކުރިގޮތާއި އެއްގޮތަށް ހުރިހާކަމެއްވެސް މެޗްގައި ދިޔައީ. ދެން ވަރަށް ބޮޑު ޝުކުރެއް ދަންނަވާލަން ބޭނުންވޭ ބެލެނިވެރިންނާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއި ޚާއްސަކޮށް ކްރިކެޓް ބޯޑުގެ ކޯޗުންނަށް. އެ ކޯޗުންގެ އެއްބާރުލުން ވަރަށް ބޮަޑަށް ލިބުނު ޓީމަށް. މިހިސާބަށް މި އާދެވުނީ އަސްލު މި އެންމެންގެ ބުރަ މަސައްކަތުން. ދެން އަޅުގަނޑު މިދިޔަ އަހަރު ޓީމާއި ހަވާލުވިފަހުން ކޮންމެ ކުޅުންތެރިއަކަށް ވަކިވަކިން ގުޅައިގެން ހުންނާނެ ފަރިތަކުރުންތަކަށް ނެރެފައި. އަސްލު އޭގެ ނަތީޖާ މިއަދު މި ފެނުނީ". އިޒުވާން ބުންޏެވެ.

މެޗަށް ފަހު މާލޭގެ ޓީމުގެ ކެޕްޓަން ޝައްފަ އަލީ ސަލީމް ބުނީ ފައިނަލަށް ދެވުމުން ވަރަށް އުފާވާކަމަށާއި، މެޗުގައި ހުރިހާ ކުޅުންތެެރިންވެސް ވަރަށް ރަނގަޅަށް ކުޅުނުކަމަށެވެ. އަދި މިހިސާބަށް ޓީމު ދަތުރުކުރީ ފަރިތަކުރުންތައް ރަނގަޅަށް ކުރިޔަށްގެންދިއުމުގެ ސަބަބުންކަމަށްވެސް ޝައްފަ ބުންޏެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެ ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލުނު ފުވައްމުލަކު ޓީމުގެ އެސިސްޓަންޓް ކޯޗު ޙަސަން މުތީޢު ބުނީ، ޓީމަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ތަޖުރިބާ މަދު ކުޅުންތެރިން ޓީމުގައި ތިބުންކަމަށާއި، މުބާރާތުގައި ކުޅުނީ ތަޖުރިބާ ހުރި ވަރަށް މަދު ކުޅުންތެރިންތަކެއްކަމަށެވެ. މުތީޢު ބުނީ އަލަށް ގުޅުނު ކުޅުންތެރިން މުބާރާތުގައި ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށާއި މި ކުޅުންތެރިން ކުރިޔަށްއޮތް ތަނުގައި ތަމްރީންކޮށް ރަނގަޅު ހިސާބަކަށް ޓީމު ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެސިސްޓަންޓް ކޯޗު މުތީޢު ބުންޏެވެ.

"އަސްލު ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އައު ކުދިންކޮޅެއް ތިިބުން. ތަޖުރިބާ މަދު ކުޅުންތެރިން. ތަޖުރިބާ ހުރި ވަރަށް މަދު ކުޅުންތެރިންތަކެއް ކުޅުނީ މި މުބާރާތުގައި. ދެން އަލަށް ގުޅުނު ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭ. އަސްލު ޅަ ކުޅުންތެރިން ތިބުމާއެކު ވަރަށް ބޮޑު އުއްމީދެއް އެބައޮތް ރަނގަޅު ޓްރެއިނިންއެއް ދީގެން މި ކުޅުންތެރިން ރަނގަޅު ހިސާބަކަށް ގެންދެވޭނެކަމުގެ". މުތީޢު ބުންޏެވެ.

މި މުބާރާތުގައި ހަތަރު ޓީމު ވާދަކުރާއިރު ފައިނަލަށް ދަތުކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހައެވެ.