ތިންވަނަ ޤައުމީ ޓީ20 އަންހެން ކްރިކެޓް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކުނަހަންދޫ ހޯދައިފިއެވެ.
ފުވައްމުލަކު ކްރިކެޓް ދަނޑުގައި މިއަދު ކުޅުނު މި މެޗު ކުނަހަންދޫއިން ކާމިޔާބުކުރީ ވިލިމާލޭގެ ޓީމާއި ވާދަކޮށް 8 ވިކެޓުންނެވެ. މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން ވިލިމާލޭގެ ޓީމު ނިންމީ ކުޅެން އަރާށެވެ. އެގޮތުން އެޓީމު ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 67 ލަނޑެއެވެ. މި މެޗުގައި ވިލިމާލެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 17 ލަނޑު ހެދި އައިޝަތު ހަމްޒާއެވެ.
ޖަވާބުގައި އެންމެ ފަހުގެ ޗެމްޕިއަން ކުނަަހަންދޫ ކުޅެން އަރައި 6 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 68 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. މި މެޗުގައި ކުނަހަންދޫ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 28 ލަނޑު ހެދި ފާތިމަތު ސަޖާއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކުނަހަންދޫ ޓީމުގެ ކޯޗު ލިރުގާމް ސައީދު ބުނީ، މެޗަކަށްފަހު ފަހު މެޗެއް ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށާއި، މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރާކަމަށެވެ. ލިރުގާމް ބުނީ ކުނަހަންދޫ ޓީމުގެ ކުޅުންތެރިން ބޯޅަ އުކުން ރަނގަޅުކުރަން ޖެހޭކަމަށާއި، އެ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ނުއުކެނީ ޕްރެކްޓިސްގައި ބަރާބަރަށް ބައިވެރިނުވެވުނީމަކަމަށެވެ.
ފައިނަލް މެޗުގައި މާލޭގެ ޓީމާއި ވާދަކުރަން ޖެހޭތީ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ލަރޭ ބުނީ، މާލޭގެ ޓީމަކީ މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމުކަމަށާއި، ފައިނަލުގައި އެޓީމު ބަލިކުރެވޭނީ މިހާރު ކުރާ މަސައްކަތަށްވުރެ ދެގުނަ އިތުރަށް މަސައްކަތްކޮށްގެންކަމަށެވެ.
"ޖުމްލަކޮށް މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ހަމަ ވަރަށް ރަނގަޅު. މެޗަކަށްފަހު މެޗެއްގައި ޓީމުގެ ކުޅުން އަންނަނީ ރަނގަޅުވަމުން. ދެން މިއަދު ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ޓީމުގެ ކުޅުންތެރިން ބޯޅަ އުކުން އެބަޖެހޭ ވަރަށް ބޮަޑަށް ރަނގަޅުކުރަން. އަސްލު އެ ކުދިންނަށް ފަރިތަކުރުންތަކުގައިވެސް ފުރިހަމައަށް ބައިވެރިނުވެވޭ. ދެން ފައިނަލުގައި ވާދަކުރަން މި ޖެހޭނީ މާލޭގެ ޓީމާއި. އެޓީމަކީ ހުރިހާ ގޮތަކުންވެސް އެންމެ ވަރުގަދަ ޓީމު މި މުބާރާތުގައި. ފައިނަލް މެޗު ކާމިޔާބުކުރެވޭނީ މާލޭގެ ޓީމު ކުރާ މަސައްކަތަށްވުރެ ދެގުނަ އިތުރަށް މަސައްކަތްކޮށްގެން." ލިރުގާމް ބުންޏެވެ.
މުބާރާތުގެ ފައިނަލަށް ކުނަހަންދޫ ދަތުރުކުރީ މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. 2017 ވަނަ އަހަރު ފެށި މި މުބާރާތް ޗެމްޕިއަންކަން ވޭތިވިދިޔަ 2 އަހަރުވެސް ކާމިޔާބުކުރީ ކުނަހަންދޫއެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކާމިޔާބުކޮށް މުބާރާތުގެ ތަށި އެޓީމަށް މިލްކްކުރެވޭނެއެވެ.
މުބާރާތުގައި މާދަމާވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހެނދުނު ކުޅޭ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ފުވައްމުލަކު ޓީމާއި ވިލިމާލެ ޓީމެއެވެ. އަދި މެންދުރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރާ މާލޭގެ ޓީމައި ކުނަހަންދޫ ޓީމެއެވެ.