ކުޅިވަރު

ވިލިމާލެ ބަލިކޮށް ފުވައްމުލަކުން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި


ފުވައްމުލަކު ސިޓީގައި މިހާރު ކުރިޔަށްދާ ތިންވަނަ ޤައުމީ ޓީ20 އަންހެން ކްރިކެޓް މުބާރާތުގައި ފުވައްމުލަކުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ފުވައްމުލަކު ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގައި ވިލިމާލޭގެ މައްޗަށް ފުވައްމުލަށް ކުރި ހޯދީ 66 ލަނޑުގެ ތަފާތުންނެވެ. މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން ފުވައްމުލަކު ޓީމު ނިންމީ ކުޅެން އަރާށެވެ. އެގޮތުން ފުވައްމުލައް ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ވަނީ 121 ލަނޑު ހަދާފައެވެ. މި މެޗުގައި ފުވައްމުލަކު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 29 ބޯޅައިން 22 ލަނޑު ހެދި އައިޝަތު އައިމާއެވެ.

ޖަވާބުގައި ވިލިމާލެ ޓީމު ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 66 ލަނޑެއެވެ. މި މެޗުގައި ވިލިމާލޭ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 9 ލަނޑު ހެދި އައިޝަތު ހަމްޒާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ފުވައްމުލަކު ޓީމުގެ އެސިސްޓަންޓް ކޯޗު ހަސަން މުތީޢު ބުނީ، މިއަދުގެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށާއި އަދި މެޗުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޒުވާން ކުޅުންތެރިންނަށްދިން އިރުޝާދާ އެއްގޮތަށް އެ ކުޅުންތެރިން ކުޅުންކަމަށެވެ. ނަމަވެސް ޓީމުގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ކުދިކުދި މައްސަލަތައް އެބަހުރިކަމަށާއި، އެކަންތައްތައް މެޗަކަށް ފަހު މެޗެއްގައި ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭކަމަށް މުތީޢު ބުންޏެވެ.

"މިއަދުގެ މެޗުގައި ޓީމު ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިން އިރުޝާދާއެއްގޮތަށް ޓީމުގެ ޒުވާން ކުޅުންތެރިން ކުޅުން. މެޗަކަށްފަހު މެޗެއްގައި ޓީމުގެ ކުޅުން އަންނަނީ ރަނގަޅުވަމުން އެހެންނަަމަވެސް ރަނގަޅު ކޮށްލަން ޖެހޭ ކުދިކުދި މައްސަލަތައް އެބަހުރި. ބޮޑަށް ބޭނުންވަނީ ދެން މޮޅަކާއެކު މުބާރާތް ނިންމާލަން. އޭރުން ކުދިންނަށްވެސް ކޮންފިޑެންސްއެއްވެސް ލިބޭނީ". މުތީޢު ބުންޏެވެ.

މި މެޗުން ބަލިވި ވިލިމާލެ ޓީމުގެ ކޯޗު އާމިރު އަލީ ބުނީ، ޖުމްލަކޮށް ބަލާނަމަ މި މެޗުގައި ޓީމުގެ ފަރާތުން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށާއި، މެޗުން ބަލިވިގެން ދިޔައީ ޓީމަށް ހެދުނު ގޯސްތަކެއްގެ ސަބަބުންކަމަށެވެ. އާމިރު ބުނީ މިއަދުގެ މެޗަށް ވިލިމާލެ ނުކުތީ މިފަހަރުގެ މުބާރާތައް އެޓީމުގައި ހިމެނި 10 އަހަރުގެ 2 ކުޅުންތެރިންނާއެކު ކަަމަށާއި، މެޗުގައި އެ ކުޅުންތެެރިން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށެވެ.

"ޖުމްލަކޮށް ބުނާނަމަ ޓީމްގެ ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭ. ދެން ބައެއް މިސްޓޭކްސްތައް ހެދިގެން މިއަދުގެ މެޗުގައި މިގޮަތަށް ނަތީޖާ ނުކުމެގެން މި ދިޔައީ. ދެން އަޅުގަނޑުމެން މި މެޗުގައި މި ކުޅުނީ މިފަހަރު މުބާރާތައް ޓީމްގައި ހިމެނި 10 އަހަރުގެ 2 ކުޅުންތެރިން ހިމަނައިގެން. ވަރަށް ހިތްހަމަޖެހޭ މެޗުގައި އެ ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ". އާމިރު ބުންޏެވެ.

މި މުބާރާތުގައި މިއަދު މެންދުރު ފަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރާ 2 ޓީމުކަމަށްވާ މާލޭގެ ޓީމާއި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ކުނަހަންދޫ ޓީމެއެވެ. މުބާރާތުގެ ފައިނަލް މެޗު މާދަމާ މެންދުރު ފަހު ކުޅުމަށް ތާވަލްކޮށްފައިވާއިރު، ތިންވަނަ ހޮވާ މެޗުގައި މާދަމާ ހެނދުނު ބައްދަލުކުރާނީ ފުވައްމުލަކާއި ވިލިމާލޭގެ ޓީމެއެވެ.