ޚަބަރު

ތަވާރޭޒްގެ މައްސަލާގައި ފީފާއިން ނިއުއަށް މުހުލަތެއް ދީފި


2017ވަނަ އަހަރު ނިއު ރޭޑިއަންޓަށް ގެނައި ޕޯޗުގަލަށް ނިސްބަތްވާ ކޯޗު ބަނާރޑޯ ތަވާރޭޒަށް މުސާރަ ނުދޭ މައްސަލާގައި ފުޓުބޯޅައާއި ބެހޭ މައި އިދާރާ ފީފާއިން އިންޒާރު ދީފިއެވެ. ނިއުއަށް އިންޒާރުދީފައިވަނީ ފީފާގެ ޕްލޭޔާސް ސްޓޭޓަސް ކޮމެޓީން މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 22ވަނަ ދުވަހު އެންގި އެންގުމަށް ޢަމަލުކޮށްފައިނުވާތީއެވެ.

މި މަހުގެ 4ވަނަ ދުވަހު ރަސްމީ ސިޓީއަކުން ފީފާއިން އަންގާފައިވަނީ ތަވަރޭޒަށް ދޭން ޖެހޭ މުސާރަ އެއް މަސް ދުވަހުގެ ތެރޭގައި ނުދީފިނަމަ، ނިއުއާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން، އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ނިއުއަށް ކުޅުންތެރިން ނުގަނެވޭ ގޮތަށް ސަސްޕެންޑްކުރުން ހިމެނޭނެކަމަށް ފީފާއިންވަނީ އެ ކުލަބަށް އަންގާފައެވެ.

ފީފާއިން ފޮނުވި ސިޓީގައި އަންގާފައިވަނީ މުސާރައިގެ ގޮތުގައި 4000 އެމެރިކާ ޑޮލަރާއި ނިއުއިން ހަދާފައިވާ ކޮންޓްރެކްޓާއި ޚިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުގައި 20،000 އެމެރިކާ ޑޮލަރާއި ފީފާއަށް ދޭން ޖެހޭ 8،000 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 5،000 އެމެރިކާ ޑޮލަރު، އިންޓްރެސްޓާއިއެކު 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އަދަބު ދޭނެކަމަށްވެސް ފީފާއިން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ނިއުއަށް މިދިޔަ އަހަރު ކުޅުނު ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެފްއޭއެމުންވަނީ ފުޓްބޯޅައިގެ ޙަރަކާތްތަކުން އެ ކުލަބު ސަސްޕެންޑްކޮށްފައެވެ. އަދި ކުރިމަތިވި މައްސަލަތަކާއި ގުޅިގެން އެ ކުލަބުގެ ޗެއަރމަންވެސްވަނީ އިސްތިޢުފާ ދީފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިއުގެ ދަރަނި 9 މިލިއަން ރުފިޔާއަށް އަރައެވެ.