ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ބައެއް ކުލަބުތަކަަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހުނު ނަމަވެސް ނިލަންދޫ އޮތީ ރަނގަޅު ޙާލަތެއްގައިކަމަށް އެ ޓީމުގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ. ފެސްކޯ މިހެން ބުނެފައިވަނީ ވިކްޓްރީގެ ކޯޗާއި ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މަޤާމުން އިސްތިޢުދާދީފައިވާ ދަނޑިވަޅެއްގައެވެ. މާލީ ޙާލަތު ގޯސްވުމުގެ ސަބަބުން އެ ދެ ކުލަބުގެ ކުޅުންތެރިން އެހެން ކުލަބުތަކަށް ބަދަލުވުމުގެ ޙުއްދަވެސް އެ ކުލަބުތަކުގެ މެނޭޖުމަންޓުންވަނީ ދީފައެވެ.
ލީގުގައި މާދަމާ ފޯކައިދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިން ގެބައްދަލުވުމުގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ ލީގުގައި ކުޅޭ ޓީމުތަކާ އަޅާބަލާއިރު، ނިލަންދޫގެ ޙާލަތު ރަނގަޅުކަމަށެވެ. އެގޮތުން، ޓީމުގެ ކުޅުންތެރިން ބޭނުންވާ ކަންކަން މެނޭޖުމަންޓުން ހަމަޖައްސާދޭކަން ފެސްކޯ ފާހަގަކުރިއެވެ.
ފެސްކޯ ބުނީ ޓީމު ވަރުގަދަކުރުމަށް މެނޭޖުމަންޓުގައި އެދުނު ކަންކަންވެސް ފުރިހަމަކޮށްދެމުންދާކަމަށެވެ. އެގޮތުން، ބިދޭސީ ތިން ކުޅުންތެރިން މިހާރު ޓީމަށް ގެނެސްފައިވާކަން އޭނާވަނީ ފާހަގަކުރިއެވެ. ނަމަވެސް، އަލަށް ޓީމާ ގުޅުނު ކުޅުންތެރިންނާއެކު އެކަށީގެންވާ ގޮތެއްގައި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭކަމަށް ފެސްކޯ ބުންޏެވެ.
ވޯލްޑު ކަޕު އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ލީގު މެދުކަނޑާލިއިރު، ނިލަންދޫ އޮތީ ލީގުގެ ފުލުގައި އެންމެ ޕޮއިންޓެއްވެސް ނުލިބިއެވެ.
ނިލަންދޫއާ ދެކޮލަށް މާދަމާ ނުކުންނަ ފޯކައިދޫއަކީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިއޮތް ޓީމެއްކަމަށް ފެސްކޯ ބުންޏެވެ. އެގޮތުން، އެ ޓީމު ކުޅޭ މެޗުތަކުގެ ނަތީޖާއިން އެކަން ފެންނަކަމަށް އޭނާ ބުންޏެވެ.
މާދަމާގެ މެޗާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު ބުނީ ލީގުގައި ވާދަކުރާ ގިނަ ކުލަބުތަކަށް ދިމާވާ މައްސަލަ އެ ޓީމަށްވެސް ދިމާވާކަމަށެވެ.
ނިޝްތާރު ބުނީ ފޯކައިދޫ ޓީމުގައި ވަރަށް ރަނގަޅު ކުޅުންތެރިން އެބަތިބިކަމަށާއި މެޗު ކާމިޔާބުކުރަން ކުޅުންތެރިން ތިބީ ތައްޔާރަށްކަމަށެވެ. ފޯކައިދޫ ޓީމުގައި ހިމެނޭ ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު)އާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނިޝްތާރު ބުނީ އޭނާއަކީ ޓީމުގައި ހިމެނޭ ވަރަށް މުޙިއްމު ކުޅުންތެރިއެއްކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އޭނާ ނެތްތަން ދައްކާނެކަމަށެވެ. ޗޯޓު މި ވަގުތު ހުރީ ޒުވާން ޤައުމީ ޓީމާއެކު ރާއްޖެއިން ބޭރުގައެވެ. އަދި އެ ޓީމުގެ ފޯވަޑް އަންސަރު އިބްރާހީމް އަނިޔާގައި ހުރުމުންވެސް ދަތިތަކާއި ކުރިމަތިލާންޖެހޭނެކަމަށް ފޯކައިދޫ ޓީމުގެ ކޯޗު ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފޯކައިދޫ މިހާތަނަށް ކުޅުނު ހަ މެޗުން ހޯދި 8 ޕޮއިންޓާއެކު އޮތީ ލީގުގެ 6ވަނައިގައެވެ.