ކުޅިވަރު

ގްރީން ސްޓްރީޓްސް ބަލިކުރުމަކީ ފަސޭހަ ކަމެއް ނޫން: ނަޒީހު


ކްލަބް ގްރީން ސްޓްރީޓްސްގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެޓީމަކީ ބަލިކުރަން އެހާ ފަސޭހަ ޓީމެއް ނޫންކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ، ގްރީން ސްޓްރީޓްސްގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެޓީމު ބަލިކުރަން ފަސޭހަ ނުވާނެކަމަށާއި، އެހެންނަމަވެސް އެންމެ ފަހުން ލީގުގައި ފަހަތުން އަރައި އީގަލްސްއާއި އެއްވަރު ކުރެވުމުން ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެކަމަށެވެ.

ނަޒީހު ބުނީ މި މެޗަށް ނިކުންނައިރު ކްލަބް ގްރީން ސްޓްރީޓްސް އެންމެ ފަހުން ކުޅެން އޮތް މެޗު ކުޅެން ނުޖެހުމުން އެޓީމު އޮންނަނީ މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައިކަމަށާއި، މިއީ އެޓީމަށް ލިބުނު އެޑްވާންޓޭޖަކަށް ނޫނީ ޑިސްއެޑްވާންޓޭޖަކަށްވެސް ވެދާނެކަމަށެވެ.

ލީގުގައި އެންމެ ފަހުން އީގަލްސް އަތުން ޕޮއިންޓެއް ހޯދި މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ނަޒީހު ބުނީ، އެ މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނީ ޔޫވީގެ ކުޅުންތެރިން މަސައްކަތް ނުކޮށް ތިބުމުންކަމަށާއި، ނަމަވެސް ކުރިޔަށްއޮތް މެޗުގައި މިކަންކަން ރަނގަޅުކުރާނެކަމަށެވެ.

"ގްރީންގައި ތިބި ކުޅުންތެރިންނަށް ބަލާފައި ފަސޭހައެއް ނުވާނެ އެ ޓީމު ބަލިކުރާކަށް. ނަމަވެސް އެންމެ ފަހުން އީގަލްސްއާއި ކުޅުނު މެޗުގައި ފަހަތުން އަރައި އެއްވަރުކޮށް ޕޮއިންޓެއް ހޯދުނީމަ ކުޅުންތެރިންނަށް ކޮންފިޑެންސް ލިބިއްޖެ. މަސައްކަތްކޮށްފިޔާ ހަމަ ރަނގަޅު ނަތީޖާއެއް މި މެޗުގައިވެސް ނެރެވޭނެ. ދެން މި މެޗަށް ނުކުންނައިރު ގްރީން އޮންނަނީ ވަރަށް ފްރެޝްކޮށް އެންމެ ފަހުން ކުޅެން އޮތް މެޗު ކުޅެން ނުޖެހުނީމަ، ދެން މި މެޗު ކުޅެން ނުޖެހުމަކީ އެޓީމަށް ލިބުނު އެޑްވާންޓޭޖް ނުނީ ޑިސްއެޑްވާންޓޭޖަށްވެސް ވެދާނެ". ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުންޏެވެ.

ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ބައެއް ކްލަބްތަކަަށް މިވަގުތު މާލީ ގޮތުން ދަތިތަކާއި ކުރިމަތިވެފައިވާއިރު، ޔޫވީގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނަޒީހު ބުނީ އެޓީމުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގައި އެއްވެސް ލަސްކަމެއް އައިސްފައިނުވާކަމަށެވެ. ނަޒީހު ބުނީ ޔުވީއަކީ ވާވަރުން ކަންތައްތައް ކުރަން އުޅޭ ކްލަބެއް ކަަމަށާއި، ޓީމުގެ ބަޖެޓަށް ނުކަތާވަރަށް ކުޅުންތެރިން ނުގެންނާނެކަމަށެވެ. އެގޮތުން ކުޅުންތެރިން ގަންނަން ޖެހޭ އަގަށްވުރެއް އެތައް ގުނައެއް ބޮޑުކޮށް ކުޅުންތެރިން ގެނައުމަކީ ކްލަބްތަކުގެ މާލީ ހާލަތު ދައްވާ މައިގަނޑު އެއް ސަބަބުކަން ނަޒީހު ފާހަގަކުރިއެވެ.

ކްލަބް ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ޔުވީ ނުކުންނައިރު، އެންމެ ފަހުން އީގަލްސްއަތުން ހޯދި ޕޮއިންޓާއެކު އެޓީމު އޮތީ ލީގުގެ ހަތް ވަނައިގައި ހަތް ޕޮއިންޓާ އެކު އެވެ.