ކުޅިވަރު

ސަރުކާރުން ކުލަބުތަކަށް ފައިސާދޭނެކަމުގެ ޔަގީންކަމެއް ނުދެން: މިނިސްޓަރ މަޙުލޫފު


ސަރުކާރުން ފައިސާދީގެން ފުޓްބޯޅަ ކުލަބުތައް ހިންގަން އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިދިޔަ ދެ އަހަރު ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާ ދިނުމަށްފަހު މި އަހަރު ފައިސާ ނުދޭ މައްސަލާގައި ކުލަބުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. މިއާއެކު މިހާރު ބައެއް ކުލަބުތައްތިބީ ފައިސާނެތި މަގުމަތިވާން ކައިރިވެފަ އެވެ.

ނަމަވެސް މަހްލޫފް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅަ ކުލަބުތައް މީގެ ކުރިން ވެސް ހިންގީ ދައުލަތުގެ ބަޖެޓުން މިހާގިނަ ފައިސާ ދީގެން ނޫން ކަމަށެވެ.

"މިސާލަކަށް އެމްޓީސީސީން ކުލަބަކަށް ތިން މިލިއަން ރުފިޔާ ދިނުމަކީ ކުޑަކަމެއްނޫން. އެ ތިން މިލިއަން ރުފިޔާ ބެޑްމިންޓަނަށް ދިނީމަ މުޅި ކުޅިވަރަށް އޭގެ ފައިދާ އެބަލިބޭ. ކުލަބުތަކަށް ދަތިވީމަ މި އަހަރު ވެސް ކޮންމެ ކުލަބަކަށް ދެ ލައްކަ ރުފިޔާ (މިނިސްޓްރީން) ދިނިން. އަދި ކޯޗުގެ މުސާރަވެސް ދެން. ދެން ބައެއް ކުލަބުތަކުން ކުރިން ނިންމީ (އެފްއޭއެމުގެ ލީޑަރޝިޕް ބަދަލުކުރަން މިނިސްޓްރީން މަސައްކަތްކުރި ދުވަސްވަރު) އެފްއޭއެމާއެކު ކުރިއަށްދާން. އެފްއޭއެމުން ފައިސާ ހޯދަން ކުލަބުތަކުން ނިންމީ. އެ ފައިސާ އެކުލަބުތަކަށް ލިބުނު. އެއްވެސް ކުލަބަކަށް (މިނިސްޓްރީން) ޔަގީންކަމެއްނުދެން ފައިސާދޭނެ ކަމަށް. އެކަމަކު އަޅުގަނޑުމެން ބުނިން އެފްއޭއެމުގެ ކަންތައްގަނޑުގައި އުޅުނު ދުވަސްވަރު އެފްއޭމުގެ ކަންތައް ނިމޭގޮތަކުން އެސްއޯއީ އެގްރީމަންޓާމެދު މަޝްވަރާކުރާނެ ވާހަކަ،" މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެފްއޭއެމުގެ ގައުމީ ޓީމުގެ ކޮމިޓީގައި އޭނާ ބައިވެރިވީ އެފްއޭއެމާއެކު ގޯސްވެފައިއޮތް ގުޅުން ރަނގަޅުކޮށް ފުޓްބޯޅަ އަށް ރަނގަޅަކަށް ކަމަށެވެ. މި ގޮތުން ހޯމް އެންޑް އަވޭ ލީގު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

"މިހާރު އެބަޖެހޭ މާލޭއިން ފުޓްބޯޅަ ނުކުންނަން. ގަލޮޅު ދަނޑުން ބޭރުވާނެ. ރަށްރަށުގައި ރަށްރަށުގެ ޓީމުތައް ކުޅެން ފެށީމަ ފޯރިވެސް އަންނާނެ. ފައިސާ ވެސް ހޯދާނެ،" މަހްލޫފް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ބޭނުންވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

"އެކަމަކު ބަޔަކު ހާވާފަ އޮތް ހަޑިއެއްގެ ޒިންމާ ކިހިނެތް ސަރުކާރުން ނަގާނީ. އަޅުގަނޑު ބެލިބެލުމުގައި (ނިއުއިން ކުޅުންތެރިންނަށް ނުދީ އެބައޮތް) ފަސް މިލިއަނެއްހާ ފައިސާ،" ކުރިން ނިއު އާއި ވެލެންސިއާ އަށް ކުޅުއްވި މަހްލޫފް ވިދާޅުވި އެވެ.