ކުޅިވަރު

ވިކްޓްރީ މެޗަށް ހާޒިރުވޭތޯ ބެލުމަކީ އަޅުގަނޑުގެ ޒިންމާއެއް ނޫން: ފެސްކޯ


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްްޓްރީ ސްޕޯޓްްސް ކްލަބާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ވިކްޓްރީ ހާޒިރުވޭތޯ ނުބަލާނެކަމަށް ނިލަންދޫ ސްޕޯޓްސް ކްލަބްގެ ކޯޗު އަޙުމަދު މުޖުތުބާ (ފެސްކޯ) ބުނެފިއެވެ.

ޕްރިމިއަރ ލީގުގައިި އެންމެ ފަހުން ވިކްޓްރީއާއި ކްލަބް ގްރީން ސްޓްރީޓްސް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ކުޅުންތެރިން ހަމަނުވެގެން ވިކްޓްރީ ދަނޑަށް ހާޒިރެއްނުވެއެވެ. ނިލަންދުއާއި ވިކްޓްރީ މާދަމާ ރޭ ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ނިލަންދޫ ސްޕޯޓްސް ކްލަބުގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނީ، އެނާގެ ވިސްނުން ހުރީ އިދިކޮޅުން ކުޅޭ ޓީމު ދަނޑަށް އާދެތޯ ނާދޭތޯ ބެލުމަށް ނޫންކަމަށާއި، ވިކްްޓްރީ މެޗަށް ހާޒިރުވުމަކީ އެމީހުންގެ އަމިއްލަ ކަމެއްކަމަށެވެ.

ކޯޗު ފެސްކޯ ބުނީ، މި މެޗު އެއްވެސް ވަރަކަށް ފަސޭހަކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، މެޗަށް ނެރޭނީ ނިލަންދޫއިން ނެރެވެން އޮތް އެންމެ ވަރުގަދަ ޓީމުކަަމަށެވެ. އަދި ކުޅުންތެރިން ތިބީ މި މެޗުގައި އެކުޅުންތެރިންގެ 100 ޕަސެންޓް ދޭން ތައްޔާރަށްކަމަށްވެސް ކޯޗު ބުންޏެވެ.

"މީގަ އަޅުގަނޑު ހަމަގައިމުވެސް ވިސްނުން ހުރީކީ އިދިކޮޅު ޓީމަކީ ކޮން ބައެއްތޯ ބަލާކަށް ނޫން. އެމީހުން ދަނޑަށް އާދޭތޯ ނާދޭތޯ ބެލުމަކީ އަޅުގަނޑުގެ ވާޖިބެއް ނޫން. އެމީހުން )ވިކްޓްރީ( ދަނޑަށް އައުމާ ނައުން ނިންމާނީ އެމީހުން. އަޅުގަނޑުމެން ހަމަ 100 ޕަސެންޓް ތައްޔާރުވާނަން މި މެޗަށް. ނިލަންދޫއިން ނެރެވެން އޮތް އެންމެ ވަރުގަދަ ޓީމު ހަމަ ނެރޭނީވެސް." ނިލަންދޫ ސްޕޯޓްސް ކްލަބުގެ ކޯޗު އަޙުމަދު މުޖުތަބާ ބުންޏެވެ.

މި ޕްރެސްގައި ވާހަކަ ދައްކަމުން ކޯޗު ވަނީ އެޓީމުގެ ބައެއް ކުޅުންތެރިން ޕްރެކްޓިސްއަށް އައުމަށް ރިލީޒް ނުލިބޭކަން ފާހަގަކޮށްފައެވެ. ފެސްކޯ ބުނީ ވަޒީފާގައި އުޅޭ ކުޅުންތެރިން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ރިލީޒް ނުލިބޭކަމަށާއި، އަބަދު ރިލީޒްދީފައި ނުބެހެއްޓޭނެކަންވެސް ގަބޫލްކުރާކަމަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިލަންދޫ މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު އެންމެ ފަހުން ފޯކައިދޫއަތުން މޮޅުވެގެން ހޯދި ތިން ޕޮއިންޓާއެކު އެޓީމު އޮތީ ލީގުގެ އަށްވަނައިގައެވެ.