ކުޅިވަރު

ޗެމްޕިއަން ޓީސީ މޮޅުވިޔަނުދީ ފޯކައިދޫއިން ހިފަހައްޓައިފި


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވިޔަ ނުދީ ފޯކައިދޫއިން ހިފަހައްޓައިފިއެވެ. މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗާ އެކު ފުރަތަމަ ބުރުގެ ކުޅުން މި ދެޓީމަށް ނިމުނުއިރު ޓީސީ އޮތީ 13 ޕޮއިންޓާ އެކު ހަތަރު ވަނައިގައެވެ. އަށް މެޗުން ލިބުނު ނުވަ ޕޮއިންޓް ހޯދައި ފޯކައިދޫން ލީގުގެ ފުރަތަމަ ބުރު ނިންމާލީ ހަ ވަނައިގައި އޮވެގެންނެވެ.

މެޗުގައި ޓީސީގެ ފުރަތަމަ އެގާރައިން ވަނީ ގިނަ ބަދަލުތަކެއް ފެނިފައެވެ. ސަސްޕެންޝަނުގެ ސަބަބުން އަކްރަމް އަބްދުލްޢަނީ ރޭގެ މެޗުގައި ނުކުޅޭއިރު އާއިލީ ކަމެއްގައި ޓީމުން ވީއްލާފައިވާ އިޝާން އިބްރާހީމް (ސައްޓު) ވެސް ކުޅެފައެއްނުވެ އެވެ. ގޯލްކީޕަރު އިމްރާން މުހައްމަދުގެ ބަދަލުގައި ގޯލު ބެލެހެއްޓީ އިބްރާހީމް ނަދީމް އާދަމްއެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެއެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ޓީސީން ނިންމާލީ ލީޑުގައި އޮވެގެންނެވެ. 35 ވަނަ މިނެޓުގައި އަތީގް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އިބްރާހީމް އައިސަމްއެވެ. އެކަމަކު މެޗުގެ ދެ ވަނަ ހާފުގައި ފޯކައިދޫން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. 60 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ މުސްތަފާ ސެޑިކްއެވެ. ސެޑިކް އަށް ލިބުނު ބޯޅަ ކީޕަރު ނަދީމް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލީ ޓީސީގެ ޑިފެންޑަރުންގެ ބޯމަތިންނެވެ.

މެޗަށް ފަހު ޓީސީގެ މެނޭޖަރު މުހައްމަދު އަބީރު ބުނީ މެޗުން ގެއްލުނީ މުހިއްމު ދެ ޕޮއިންޓް ކަމަށާއި، ދެ ވަނަ ބުރަށް ނުކުންނައިރު މާލީ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

"ދެން މެޗު އެއްވަރުވީމަ ވަރަށް އަނެއްހެން ދެ ޕޮއިންޓް ގެއްލުނީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ދެ ޕޮއިންޓް. މިއީ ލީގަށް ފައިޓު ކުރަން ބަލާއިރު ވަރަށް މުހިއްމު ދެ ޕޮއިންޓް މި ގެއްލުނީ. ދެން އިތުރަށް މަސައްކަތް ކުރާނީ ރަނގަޅުކުރަން. ދެން މިހާރު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދަނީ ހާލަތުން އަރައިގަތުމަށް. އިރާދުކުރެއްވިޔާ ދެވަނަ ބުރު ފެށެންވާއިރަށް ހުރިހާކަމެއް ހައްލު ކުރާނަން". ޓީސީގެ މެނޭޖަރ އަބީރު ބުންޏެވެ.

ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ އެޓީމަށް މިމެޗުން ވެސް ދިމާވީ ނިންމާނުލެވުމުގެ މައްސަލަ ކަމަށާއި، ލީގުގައި ކުރިއަށްދާން ބަލާއިރު ޓީމަށް ލިބޭ ފުރުސަތުތަކުގެ ބޭނުންކުރަން ޖެހޭ ކަމަށެވެ. ނިސްތާރު އިތުރަށް ބުނީ މާލީ ހާލަތު ގޯސްވުމުގެ މައްސަލަ ގިނަ ޓީމުތަކަށް ދިމާވެފައިވާއިރު އެންމެ ހާލުގައި އޮތީ ފޯކައިދޫ ކަމަށާއި، އެޓީމަށް ލިބެންޖެހޭ ފައިސާ ހަމަޖެހިއްޖެނަމަ ދެ ވަނަ ބުރުގައި ޓީމަށް ރަނގަޅުވާނެ ކަމަށެވެ. އަދި ނިސްތާރު ވަނީ ރޭގެ މެޗުގެ ރެފްރީގެ ނިންމުންތަކާއިމެދު ފާޑުކިޔައިފައެވެ.

"ނަތީޖާ ރަނގަޅު އެހެންނަމަވެސް އަސްލު އަދިވެސް ހަމަ ފިނިޝިންގެ މައްސަލަ އަޅުގަނޑުމެންނަށް ދިމާވަނީ. އަސްލު ފިނިޝިން ތަންކޮޅެއް ރަނގަޅުކޮށްލައިފީއްޔާ އަދި އަޅުގަނޑުމެން މި ޕޮއިންޓް ޓޭބަލް މައްޗަށްދާން އެބަޖެހޭ". ނިސްތާރު ބުންޏެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާއި ފ. ނިލަންދޫ ވާދަކުރާއިރު މިރޭ ދަ ގްރާންޑޭ އާއި އީގަލްސް ވާދަކުރާނެއެވެ.